އަހުމަދު ނަސީމް

ޑްރަގު މައްސަލައަށް އަވަސް ހައްލެއް ނެތް، އަޅުގަނޑުމެންވެސް ކަންކަން ދަސްކުރަނީ: ނަސީމް

ޑްރަގުގެ މައްސަލަައެއް އަަވަސް ހައްލެއް ނެތް ކަމަށާއި ހެލްތު މިނިސްޓްރީ ވެސް މިހާރު އޮތީ ކަންކަން ދަސްކުރުމުގެ މަރުހަލާގައި ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ނަސީމް މިހެން ވިދާޅުވީ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ނަސީމު މިއަދު މަޖިލީހަށް ވަޑައިގެން މެންބަރުންނަށް މައުލޫމާތު ދެއްވީ އެމަނިކުފާނު އަމިއްލަފުޅަށް އެދިވަޑައިގެން ފުރުސަތު ހޯއްދަވައިގެންނެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަަލައަށް ހައްލު ހޯދުމުގެ މަރުހަލާ ފެެށެން ޖެހޭނީ ގޭތެރެއިން ކަމަށެވެ. މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ ހިއްސާ އެކަމުގައި ބޮޑުކަން ފާހަގަކުރައްވައި ނަސީމް ވިދާޅުވީ އެ މީހުންގެ ހިއްސާއާ ނުލާއި މި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑަށް ހީވަނީ މިއަށް ފޯކަސް ކުރެވިއްޖިއްޔާ މިހާރަަށް ވުރެ ބޮޑަށް ކާމިޔާބުވާނެހެން. މީގައި ކުއިކް ސޮލިއުޝަން [އަވަސް ހައްލެއް] ނެތް. އަޅުގަނޑުމެންވެސް މިދަނީ ދަސްކުރުމުގެ މަރުހަލާގެ ތެރޭގައި. އެހެންވީމާ މިދާ ދިއުމުގައި ދެނެގަންނަ ކަންތައްތައް ހުރިހާ ސްޓޭކްހޯލްޑަރުންގެ އެހީތެެރިކަމާއި ލަފަޔާއެކީ އަޅުގަނޑުމެން ކުރިއަށްދާނީ" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޑްރަގުގެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅޭ ގޮތުން މަޝްވަރާކުރަން ޖެހޭ ފަރާތްތަކާއެކު މަޝްވަރާކުރާނެ ކަމަށާއި މުޅި މުޖުތަމައު ބައިވެރިކޮށްގެން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ އެންޑީއޭ އެ މިނިސްޓްރީގެ ދަށުން ވަކިކޮށް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރީ މިދިޔަ މެއި މަހުގެ ފަސްވަނަ ދުވަހު އެވެ. އަދި އެންޑީއޭގެ އޮނިގަނޑު ބަދަލުކޮށް ތަނަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނައުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.