ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހާރިޖީ ސިޔާސަތަށް ތަހުޒީބީ ބަދަލެއް އައިސްފި: ރައީސް

Sep 15, 2021
3

އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަތުމަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަށް ތަހުޒީބީ ބަދަލެއް އައިސްފައިވާކަން ހާމަވެގެންދާ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާއި މިނިސްޓަރު ޝާހިދު ހަވާލުވެވަޑައިގަތުމުން، މަރުހަބާ ދެންނެވުމަށް ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ވިދާޅުވީ ޝާހިދު ރިޔާސަތާ ހަވާލުވެވަޑައިގަތުމުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ރާއްޖެއާއި އެހެން ގައުމުތަކާއި ގުޅުންބަދަހިވެ، ރާއްޖޭގެ ތަރައްގީ ޔަގީންވާނެ ކަމަށެވެ.

ޝާހިދު އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމާއިއެކު ރައީސް އާއި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އަންނަ ހޮނިހިރު ދުވަހު ނިއުޔޯކަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކަށް މިފަދަ ޝަރަފެއް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި ދިވެހި ގައުމު މިފަދަ ލެވެލްއެއްގައި ތަމްސީލުވާ ފުރަތަމަ ފަހަރު ވެސް މެއެވެ. ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.