އޮމްބަޑްސްޕާސްންސްގެ އޮފީސް

ފަސްވެރިކަމެއްގައި އަނިޔާ ލިބިގެން 400 މައްސަލަ ހުށަހަޅައިފި

Sep 15, 2021
2

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ ފަސްވެރިކަމެއްގައި އެކި މީހުންނަށް ލިބުނު އަނިޔާ ކަމަށް ބުނާ 400 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމުގެ މަގްސަދުގައި އުފެއްދި އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހު އެވެ. މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވީ މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ބުނެ މީޑިއާގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އެކި ދުވަސްވަރުގެ ފާހަގަކޮށްލެވޭ މައްސަލަތަކެއް އެބަހުއްޓެވެ.

ފާހަގަކުރެވޭ މައްސަލަތައް

  • އއ. ކުރަމަތިން މީހުން ބަދަލުކުރުމާއި
  • ގދ. ތިނަދޫ ފަޅުކޮށް އެރަށުން މީހުން ބޭލި މައްސަލަ
  • ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅުންހުރި ތަފާތު މައްސަލަތައް
  • ސަލާމަތީ ބާރުތަކުން ދައުލަތުގެ މީޑިއާއަށް ގަދަބާރުން ވަދެފައިވާ މައްސަލަ
  • ރައީސް އަމީންގެ ވެރިކަން ބަދަލުކޮށް އެމަނިކުފާނަށް ކުރި ހުކުމް ބާތިލްކުރުމުގެ މައްސަލަ
  • ރައީސް މައުމޫނާއި ރައީސް ޔާމީން މާލޭގެ ރައްޔިތުން ބިކަކުރި ކަމަށް ބުނާ މައްސަލ

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވިދާޅުވީ ހުށަހެޅުނު މައްސަލަތަކުގެ ސީދާ އަދަދެއް ދަންނަވާލެވޭނީ ހުރިހާ މައްސަލައެއް ބަލައިގަނެ ނިމުމުން ކަމަށެވެ.

"އެކަމަކު މިހާރު ވެސް ދަންނަވާލަން އެނގޭ 400 އަށް ވުރެ ގިނަ މައްސަލަ އުޅޭނެކަން. އަޅުގަނޑުމެން މިދަނީ ވަކިވަކި މައްސަލަތައް އެންޓާކުރަމުން. މީގެތެރޭގައި ރިޕީޓްވާ މައްސަލަތަކެއް ވެސް އުޅެދާނެ،" ސަލާމް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައިވާ ގޮތުން އެ އޮފީހަށް ހުށަހަޅާ މައްސަލަތައް ދެ އަހަރުގެ ތެރޭގައި ނިންމަންޖެހެ އެވެ.

ސަލާމް ވިދާޅުވީ ދެ އަހަރުގެ ތެރޭގައި މައްސަލަތައް ނިންމަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް މުވައްޒަފުން މަދުވުމާއި، ބަލަންޖެހޭ މައްސަލަތަކުގެ ތެރޭގައި ވަރަށް ގިނަ އަހަރުވީ މައްސަލަތައް ހުރުމުން ހެކި ހޯދުމާއި ވަޒަން ކުރުމުގައި ދިމާވާނެ ދަތިތަކާއި އުދަނގޫތައް ހުންނާނެ ކަމަށެވެ.

"އެކަމަކު ކަމާ ގުޅޭ އިދާރާތަކާއި އަދި ބޭރުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ހޯދަންޖެހޭ ހާލަތެއްގައި އެކަން ވެސް ކޮށްގެން މައްސަލަތައް ނިންމަން ވަރަށް ބޮޑަށް ބާރުއަޅާނަން. އަސްލު އޮފީހުގެ މަސައްކަތް އަދި މި ފެށީ،" ސަލާމް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ކުރިއަށް ގެންދާ ތަހުގީގުތަކަށް ބޭނުންވާ މީހުން ހާޒިރުކުރުމާއި، ހެކި ހޯދުމާއި އަދި ދައުވާ ކުރަން ފޮނުވުމާއި، ބަދަލު ނަގައިދޭން ކޯޓަށް ހުށަހެޅުން ފަދަ ބާރުތަކެއް ގާނޫނުން ދީފައިވާތީ އިންސާފު ހޯދައިދިނުމުގައި އިތުބާރު ހުރި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ސަލާމް ގަބޫލުކުރައްވަ އެވެ.