ޖިންސީ ގޯނާ

ޝަރީއަތް ނިމެންދެން ފުލުސް މީހާ ބަންދު

އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކޮށް ހައްޔަރުކުރި ފުލުސް މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައެވެ. ފުލުހުންގެ މީޑިއާ އިން ބުނީ ރޭ 11:09 ގައި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އެމީހާ އަކީ ފުލުހެއްކަންވެސް ކަށަވަރުކޮށް ދިނެވެ.

އެމީހާގެ ބަންދާމެދު ގޮތް ނިންމަން ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި ގުޅިގެން ރޭ އައްޑޫގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. އެއީ އެ ފުލުސް މީހާއަށް ހިމާޔަތް ދީގެން ގެންގުޅޭ ކަމަށް ތުހުމަތުކޮށެވެ.

މުޒާހަރާ ކުރި މީހުން ހުއްޓުވަން ފުލުހުން ވަނީ ބާރުގެ ބޭނުންވެސް ކޮށްފައެވެ. ފުލުހުން ބުނީ އައްޑޫ ސިޓީގައި ކުރި އިހުތިޖާޖުގައި ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައި ކަމަަށެވެ. އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަަށެވެ.

ފުލުހުން މިހެން ބުނި ނަމަވެސް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެއެވެ. އަދި އެ މީހުންނާ ދެކޮޅަށް މުގުރު ބޭނުންކޮށް ބައެއް މީހުންނަށް މުގުރުން ހަމަލާދީފައިވާ ކަމަށެވެ.