ޔޫއެން

ޝާހިދުގެ ކޮޓަރިކޮޅުގެ ބޭރުގައި ދިވެހި ދިދަ ބަހައްޓައިފި

Sep 18, 2021
1

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ ކޮޓަރިކޮޅުގެ ބޭރުގައި ރާއްޖޭގެ ދިދަ ބަހައްޓައިފި އެވެ.

އާންމު މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުގެ ބޭރުގައި އދ. ގެ ދިދައިގެ އިތުރުން ބަހައްޓާފައި ހުންނާނީ އާންމު މަޖިލީހުގެ ރައީސް ތަމްސީލް ކުރައްވާ ގައުމެއްގެ ދިދަ އެވެ. ކޮންމެ އަހަރަކު ވެސް އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު މަގާމުގެ ހުވާ ކުރެއްވުމަށް ފަހު އޮފީހަށް ވަޑައިގަތުމުން، ރަމްޒީ ގޮތުން ދިދަ ބަދަލު ކުރުމުގެ ރަސްމިއްޔާތެއް ބާއްވަ އެވެ.

މިއަދު މި ރަސްމިއްޔާތު ބޭއްވުމަށް ފަހު ވަނީ ކުރިން ހުރި ތުރުކީގެ ދިދަ ނެގުމަށް ފަހު ރާއްޖޭގެ ދިދަ ޖަހާފަ އެވެ.

ރާއްޖޭގެ ދިދަ އެ އޮފީހުގެ ބޭރުގައި ބަހައްޓައި ދިނީ ސިފައިންގޭގެ ސްޓާފް ސާޖަންޓް އާހިދު އަހުމަދެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގެންފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.