އެމްޑީޕީ

ނަޝީދާއެކު އެމްޑީޕީއަށް ކާމިޔާބެއް ނެތް: އަލްހާން

Nov 28, 2015
3

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން ގޮތް ދޫކޮށް ފަހަތަށް ޖެހެންޖެހޭ ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދާއެކު އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް ކަމުން ބޭރުކޮށްލެވުނު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން މިއަދު ޓްވީޓް ކުރައްވާ ވިދާޅުވީ ރައީސް ނަޝީދު ގޮތް ދޫކުރައްވަން ޖެހި ވަޑައިގަންނަވާ ކަމަށާއި ރައީސް ނަޝީދާއެކު ރިޔާސީ އިންތިހާބެއްގައި އެމްޑީޕީއަށް ކާމިޔާބެއް ނެތް ކަމަށެވެ.

އެމްޑީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އެމްޑީޕީ އަށް ފަހަކަށް އައިސް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ ކުރީގެ މަޖިިލިސް މެންބަރު ވަނީ އެމްޑީޕީން އިއްޔެ ބޭއްވި މުޒާހަރާއަށް ވެސް ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ 73 ގަޑި އިރާއި 13 މިނެޓަށް ކުޅޭނެ ހިތްވަރާއި ރޭވުންތެރިކަން ނެތްކަން ސާބިތުވެއްޖެ ކަމަށާއި މިންޖުވާންވީ އަމިއްލަ ނަފުސުގެ އަނިޔާވެރި ކަމުން ކަމަށެވެ. އެމްޑީޕީގެ ލީޑަޝިޕް ފެއިލްވެފައިވާ ކަމަށެވެ.

އަދި އިއްޔެގެ މުޒާހަރާއަކީ އެމްޑީޕީގެ އެންމެ ހިތި ތަޖުރިބާ ކަމަށާއި އަނިޔާވެރި ކަމަށް ނިސްބތްކޮށް އެމްޑީޕީން ދައްކާ ވާހަކަތައް ރައްޔިތުން މިހާރު ބަލައި ނުގަންނާނެ ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.

އެމްޑީޕީގެ މުޒާހަރާގެ ކުރިން ވެސް އަލްހާން ވަނީ އެއީ ނަތީޖާއެއް ނުނުކުންނާނެ ބޭކާރު މުޒާހަރާއެއް ކަމަށާއި ޝަރީއަތެއްގައި ކުށް ސާބިތުވެފައިވާ ކުށްވެރިންތަކެއްގެ ފޮޓޯ ހިފައިގެން އެ މީހުން މިންޖު ކުރަން އެމްޑީޕީ ގޮވާއިރު އެމްޑީޕީ އާއި ޕާޓީގެ މެންބަރުން މިންޖުވާން މަސައްކަތް ކުރަންވީ އެ ޕާޓީގެ ފެއިލްވެފައިވާ ލީޑަޝިޕްގެ ކިބައިން ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ފާޑު ވިދާޅުވުން އަލްހާން ގިނަ ކުރައްވާފައިވާއިރު އޭނާ ވަނީ ރައީސް ނަޝީދު މިނިވަން ކުރަން ގޮވާލައި "ދޭތިންއެކައްޗަށް" މި ނަމުގައި ކެމްޕޭނެއް ވެސް ފަށާފަ އެވެ.