އެމްޑީޕީ

އެމްޑީޕީގެ އިންތިހާބު: 92،743 މީހުނަށް ވޯޓް ލެވޭނެ

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ. ރޭ އާންމު ކުރި ލިސްޓްގައި 92،743 މީހެއްގެ ނަން ހިމަނާފައި އެބަ އޮތެވެ.

އެމްޑީޕީން ބުނީ ލިސްޓް ފައިނަލްކުރުމުގައި މައިގަނޑު ތިން ކެޓެގެރީއެއްގެ މީހުންގެ ޝަކުވާއަށް ރިއާޔަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް މީހުންގެ ނަން އުނިވެފައިވާ ކެޓެގެރީ އާއި ޕާޓީގެ މެންބަރުން ނޫން އެހެން މީހުންގެ މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީ އާއި އެހެން ސިޔާސީ ޕާޓީއެއްގައި ނަން އޮވެގެން ނަން އުނިކުރެވިފައިވާ މީހުންގެ ކެޓެގެރީ ހިމެނޭ ކަމަށެވެ.

އެމްޑީޕީން ބުނީ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް މީހުންގެ ނަން އުނިވެފައިވާ ކެޓެގެރީ އާއި ޕާޓީގެ މެންބަރުން ނޫން އެހެން މީހުންގެ މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީގައި ހިމެނޭ މީހުންނާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތަކުގައި އިންތިހާބާބެހޭ ކޮމިޓީން ބަލާފައިވަނީ އެ މީހުންގެ ޕާޓީއަށް ފޯމު ހުށަހެޅުމުން ޕާޓީއަށް ފޯމު ބަލައިގަތުމަށްފަހު އެ މީހަކަށް ދޫކުރާ ރަސީދު ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ޕާޓީއަށް ހުށަހެޅުމުން އެ މީހެއްގެ ޝަކުވާއަކީ ސައްހަ ޝަކުވާ އެއްކަމުގައި ބެލުމުގެ އުސޫލުން ކަމަށެވެ. އެހެންކަމުން ވޯޓުލާ މީހުންގެ ލިސްޓުގައި މިހާރު ވަނީ އެގޮތަށް އަމަލުކޮށްފައިވާ މީހުންގެ ނަންތައް ކަމަށެވެ.

އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނަން އޮވެގެން ނަން އުނިކުރި މީހުން އެހެން ޕާޓީއެއްގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވަނީ ކޮން ތާރީހެއްގައިކަން އިލެކްޝަންސް ކޮމިޝަނުން ޗެކްކުރުމަށްފަހު އެ ތާރީހަކީ މި އިންތިހާބުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ދަފްތަރުގައި ނަން ހިމެނުމަށް އޮތް އެންމެ ފަހު ތާރީހުކަމުގައިވާ އޭޕްރީލް 24، 2021 ގެ ކުރީގެ ތާރީހެއް ނަމަ، އެ މީހެއްގެ ނަން ވޯޓުލާ މީހުންގެ ދާއިމީ ލިސްޓުގައި ވަނީ ހިމަނާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ.