ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ހަރަދުން ނުދައްކާ 157.1 މިލިއަން

Sep 21, 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ކުރަމުން ގެންދާ ހަރަދުތަކުގެ ތެރެއިން މިހާތަނަށް 157.1 މިލިއަން ރުފިޔާ ނުދައްކާ އެބަހުއްޓެވެ.

ފިނޭންސް މިނިސްޓްރީގެ ކޮވިޑް-19 އަށް ކުރަމުން ގެންދާ ހަރަދުތައް ހާމަ ކުރަން އާއްމުކުރާ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަަށް ކޮވިޑް-19 އިން ރައްކާތެރިވާން ކުރަމުން ގެންދާ ހޭދައިގެ ތެރެއިން ހޯދި އެކި ހިދުމަތްތަކަށް މިހާތަނަށް ނުދައްކާ ހުރީ 157.1 މިލިއަން ރުފިޔާ އެވެ. މިހާތަނަށް 1.3 ބިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. އަދި ޕާޗޭސް އޯޑަރުގެ ގޮތުގައި 562.9 މިލިއަން ރުފިޔާ އެބަހުއްޓެވެ.

މި ރިޕޯޓުގައިވާ ގޮތުން ކޮވިޑްގެ ސިއްހީ ކަންކަމަށް ކުރި ހޭދަ އެއްކޮށް ބަލާނަމަ ދެ ބިލިއަން ރުފިޔާއަށް އަރަ އެވެ. މިގޮތުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތަކެތި ހޯދުމަށެވެ. އެ ބަޔަކަށް 1.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އެހެނިހެން އޮޕަރޭޝަނަލް ސާވިސަސްތަކަށް 205.6 މިލިއަން ރުފިޔާ ހޭދަކުރިއިރު، ކެޕިޓަލް ކިރުއާމަންޓަށް 201.9 މިލިއަން އަދި އެލަވަންސް ދޭން 170.3 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހެލްތް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން 805.9 މިލިއަން ރުފިޔާ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން 785.2 މިލިއަން ހޭދަ ކޮށްފައިވެ އެވެ.

ކޮވިޑް ރާއްޖެއަށް ކުރިމަތިވުމާއެކު އިކޮނޮމީ ހިންގުމަށް ވެސް ސަރުކާރުން ބޮޑު ހޭދައެއް ކުރި އެވެ. އެގޮތުން ސިއްހީ ހޭދަ އާއި އިކޮނޮމިކް ހޭދަ އެއްކޮށް ބަލާނަމަ ކޮވިިޑަށް ކުރި ޖުމްލަ ހޭދަ ހަތަރު ބިލިއަން ރުފިޔާއަށް އަރަ އެވެ.