މުޒާހަރާ

މުޒާހަރާގައި ކުޑަކުދިން ބައިވެރިކުރާތީ އެޗްއާރުސީއެމް ކަންބޮޑުވެއްޖެ

Nov 28, 2015
1

މިހާރު ބާއްވަމުން އަންނަ މުޒާހަރާތަކުގައި ކުޑަކުދިން ބައިވެރި ކުރާ ކަމަށް ބުނެ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށް އެފަދަ ކަންކަން ނުކުރުމަށް އެކޮމިޝަނުން މިއަދު ގޮވާލައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތަކަކުން ގުޅިގެން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ ސަބަބުން އެ ކުދިންނަށް އެކިވަރުގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބެމުންދާތީ ކަންބޮޑުވާ ކަމަށެވެ. ކޮމިޝަނުން ބުނީ ގާނޫނު އަސާސީގެ 35 ވަނަ މާއްދާ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ކުޑަކުދިންގެ ނާޖާއިޒު ފައިދާއެއް އެއްވެސް ގޮތަކުން ނެގުން މަނާކޮށްފައި ވަނިކޮށް މައިންބަފައިން ވިޔަސް ޅަފުރައިގެ ކުދިން ގޮވައިގެން ގޮސް ސިޔާސި އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން އެފަދަ ހަރަކާތްތައް ހަމަނުޖެހުމަކަށް ބަދަލުވެގެން އެކަމުގެ ސަބަބުން ކުދިންނަށް ލިބޭ ގެއްލުންތަކަކީ ކޮމިޝަނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ވީމާ ރާއްޖޭގައި ހިންގާ ސިޔާސީ ހަރަކާތްތަކުގައި ޅަފުރައިގެން ކުދިން ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމަކަށް ވާތީ މިފަދަ ހަރަކާތްތަކުގައި ކުދިން ބައިވެރިނުކުރުމަށް ބެލެނިވެރިންނަށާއި ސިޔާސީ ޕާޓީތަކަށް އަދި އާންމުކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާކަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

މިފަދަ އަމަލުތައް ހުއްޓުވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ކޮމިޝަނުން ވަނީ ކަމާ ގުޅޭ އެންމެހާ އިދާރާތަކަށް ގޮވާލައިފަ އެވެ.