އަބްދުﷲ ޖާބިރު

ޖާބިރު ވަޑައިގަތުމުން މަތިވެރި ހޫނުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ރައްޔިތުން ނިކުމެ އަޑުއުފުލައިފި އެވެ.

މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްއަކީ ޖާބިރުގެ ވިޔަފާރިއެއް ކަމުން އޭނާ ވަރަށް ގިނައިން އެ ރަށަށް ވަޑައިގަންނަވައެވެ.

މިރޭވެސް ޖާބިރު މަތިވެރިއަށް ވަޑައިގެންްނެވީ ގެސްޓްހައުސް ބައްލަވާލެއްވުމަށެވެ. ނަމަވެސް ރަށުގެ ވަރަށް ގިނަ ބަޔަކު ނިކުމެ ޖާބިރާ ދެކޮޅަށް ވަނީ އަޑުއުފުލާފައެވެ. އަދި ޖާބިރު އެ ރަށުން ފޭބުމަށް ގޮވާލާ އިހުތިޖާޖު ކޮށްފައިވެއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން އާންމުން އަޑުގަދަ ކުރަމުންދިޔަ ނަމަވެސް ޖާބިރު ވަނީ ގެސްޓްހައުސްއަށް ވަޑައިގެންފައެވެ.

ފުލުހުން ދެންމެ ބުނީ މަތިވެރީން ޖާބިރާ ދެކޮޅަށް ނިކުތުމުން ފުލުހުން ހިމާޔަތް ދީފައިވާ ކަމަށެވެ.

މި ފަހުން ޖާބިރުގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް މުޖްތަމައު ލަދުވެތިވާފަދަ އެތައް ކަމެއް ދަނީ އޭނާގެ ފަރާތުން ފެންނަމުންނެވެ. ސަރުކާރުގެ ކުންފުނިތައް ހިންގާ ބައެއް އިމާރާތްތަކަށް ގަދަ ކަމުން ވަދެވަޑައިގަންނަވަން މަސައްކަތް ކުރެއްވުމާއި ކެންޕެއިން އިވެންޓްތަކަށް ދައުވަތު ނުދެއްވަނީސް ވަޑައިގެން ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވުން ހިމެނެއެވެ. ދާދި ފަހުން މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އޮށޯވެ އޮންނަވާވެސް އޭނާ އިހުތިޖާޖެއް ކުރެއްވިއެވެ.