ސޫދާން

"ބަޣާވާތްކުރަން އުޅުނީ ބަޝީރަށް ތާއީދުކުރާ ބަޔަކު"

ސޫދާންގައި އިންތިގާލީ ސަރުކާރު ވައްޓާލަން ކުރަން އުޅުނު ބަޣާވާތް އަސްކަރިއްޔާއިން ނާކާމިޔާބު ކޮށްލައިފި ކަމަށް ވަގުތީ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް ވިދާޅުވެއްޖެ އެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުން ބަޣާވާތް ކުރަން އުޅުނީ އެ ގައުމުގައި ކުރިން ވެރިކަން ކުރެއްވި އުމަރު އަލްބަޝީރަށް ތާއީދުކުރާ ސިފައިންނާއި އާންމުގެ ބަޔަކު ގުޅިންގެ ކަމަށެވެ.

ދައުލަތުގެ ޓީވީއަށް ދިން ބަޔާނެއްގައި އަސްކަރިއްޔާއިން ވެސް މިކަން ކަށަވަރު ކޮށްދިނެވެ. އަސްކަރިއްޔާއިން ބުނި ގޮތުން ބަޣާވާތް ކުރުމުގައި ފެންނަން ތިބި ހުރިހާ މީހުން މިހާރު ތިބީ ހައްޔަރުގަ އެވެ.

ބޮޑުވަޒީރު ހަމްދޫކް ވިދާާޅުވީ ގޮތުގައި ބަޣާވާތް ނާކާމިޔާބު ކޮށްލެވުނީ ދުރާލާ މައުލޫމާތު ލިބިވަޑައިގަތުމުންނެވެ. އޭނާ ވިދާޅުވީ ސަރުކާރު ވައްޓާލަން ވިސްނާފައި އޮތީ ވަރަށް ތަރުތީބުން މޮޅަށް ރާވައިގެން ކަމަށެވެ.

އިންފޮމޭޝަން މިނިސްޓަރު ހަމްޒާ ބަލޫލް ވިދާޅުވި ގޮތުގައި ބަޣާވާތުގައި އިސްކޮށް ތިބި މީހުން ހައްޔަރު ކުރުމުން ގައުމުގައި ހަމަޖެހުން ގާއިމުވެއްޖެ އެވެ. އޭނާ އާންމު ރައްޔިތުންނަށް ކަށަވަރުކޮށް ދެއްވާފައިވާ ގޮތުގައި ސޫދާންގައި ދާޚިލީ ހަމަނުޖެހުމެއް މިވަގުތަކު ނުހިނގަ އެވެ.

ހަމްޒާ ވިދާޅުވީ ބާޣީންނާ ސުވާލު ކުރަމުން ދާ ކަމަށާއި ސަރުކާރު ވައްޓާލަން އުޅުނު ސަބަބު ވަރަށް ރަނގަޅަށް ތަހުގީގު ކުރައްވާނެ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ބަޣާވާތް ކުރަން އުޅުނު މީހުނާ ބަޝީރާ އޮތް ގުޅުން ރަނގަޅަށް ބައްލަވާނެ އެވެ. އޭނާ އަދި ވިދާޅުވީ ސޫދާންގައި ދާއިމީ ސަރުކާރެއް އެކުލަވާ ނުލެވިގެން އުޅެނިކޮށް ބަޣާވާތް ކުރަން ޖެހުނު ސަބަބު އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ސޫދާންގައި ވެރިކަމުން ދުރުކޮށް ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި ކުރީގެ ރައީސް އުމަރު އަލްބަޝީރު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާ ހަވާލު ކުރަން އެ ގައުމުން އޮތީ ބުނެފަ އެވެ. އަލްބަޝީރު ސަރުކާރުގެ ބައެއް އޮފިޝަލުން ވެސް އައިސީސީއާ ހަވާލު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އުމަރު އަލްބަޝީރު 77، ސޫދާގައި 29 އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަން ކުރައްވާފައި ވެއެވެ. އޭނާ 1989 ގައި ބޮޑުވަޒީރު ސޯދިގު އަލްމަހުދީގެ ސަރުކާރު ވައްޓާލުމަށް ފަހު ސޫދާންގެ ވެރިކަމަށް ވަޑައިގަތީ ބަޣާވާތަކުންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުތެ ތެރޭގަައި ވެރިކަމަށް ވަޑައިގެންވި ގޮތް ތަހުގީގު ކުރުން ވެސް ހިމެނެ އެވެ.