ޑރ. މުހައްމަދު މުއިއްޒު

"ހިޔާ މަޝްރޫއު އަނިޔާއަކަށް ހެދީ މި ސަރުކާރުން: މުއިއްޒު

ހިޔާ މަޝްރޫއު، ރައްޔިތުންނަށް އަނިޔާއަކަށް ހެދީ މި ސަރުކާރުން ކަަމަށް މާލޭގެ މެޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮމިޓީއަށް ހުށަހަޅާފައިވާ ހިޔާ ޕެޓިޝަނާ ގުޅިގެން ކަމާ ގުޅޭ ހުރިހާ އިދާރާއެއް މިއަދު ކޮމިޓީ އަށް ހާޒިރުކުރި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ނުހިންގާހާ ގިނަ ހައުސިން މަޝްުރޫއުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 15،000 އަށް ވުރެ ގިނަ ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް ފަށައި އަދި ގިނަ މަސައްކަތްތަކެއް އެ ސަރުކާރުގައި ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.،

"ދެން އެ މަޝްރޫތައް އަނިޔާއަކަށް ބަދަލު ކުރީ މި ސަރުކާރުން. ރަށްޔިތުންނަށް އަނިޔާއަކަށްވާ ގޮތަށް ހިޔާ މަޝްރޫގެ ކަންކަން ކުރިއަށް ގެންދިޔައީ މި ސަރުކާރުގެ ކުންފުނިތަކުން،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫގެ އިންޓްރެސްޓް ރޭޓްތައް ހުރީ އެންމެ ގިނަ ވެގެން ވެސް ހަތަރު ޕަސަންޓަށް ވުރެ ދަށްކޮށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ފްލެޓްގެ އަގުތައް ރަށްޔިތުންނަށް އޮޅޭގޮތަށް ބޮޑުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އެއީ ރަށްޔިތުން އަތުން ބޮޑު އަގު ނަގަން، ރައްޔިތުންނަށް އަނިޔާދޭން ކުރާ މަސައްކަތެއް" މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭން މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން މައުލޫމާތުތަކެއް އެއްކުރެއްވި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި މި ސަރުކާރުން ހިޔާ ފްލެޓް ތަކުގެ އިންޓްރަސްޓް ރޭޓް ގެންގުޅެނީ 6.8 ގައި ކަމަށެވެ. ފްލެޓް ތަކުގެ މަހު ކުލި ބޮޑު ވަނީ އެ ސަބަބާ ގުޅިގެން ކަމަށްވެސް ވިދާޅުވި އެވެ.

ހިޔާ ފެލެޓް ޕެޓިޝަންގައި އެދިފައިވަނީ ފްލެޓްތަކުގެ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި އިންޓީރިއަ އާއި ފިނިޝިން އަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް، ޖުމުލަ އަގުން އިންޓީރިއާ އަށް ހޭދަވާ އެއް ލައްކަ ރުފިޔާ މާފުކޮށްދިނުމަށެވެ.