އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން ޗައިނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ހެޔޮ ބަސް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ދެ ގައުމުގެ ދެމެދުގަައި އޮތް ޒަމާންވީ ގުޅުން މިއަދާ ހަމައަށް އެއްވާނެއްގައި ދެމެހެއްޓިފައި އޮތީ ޗައިނާގެ ބުރަ މަސައްކަތުން ކަމަށެވެ.
ކިމް ޖޮންއުން އަކީ އެމެރިކާއަށް އިންޒާރު ދެއްވުން ފިޔަވައި ނޫސްތަކަށް މާގިނަ ބަސް ވިދާޅުވާ ބޭފުޅެއް ނޫނެވެ. އެތައް ދުވަސްތަކެއް ވަންދެން ފެނިވަޑަނުގެން އުޅުއްވައި ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ނުކުމެ ވަޑައިގެން ވެސް އެންމެ ފުރަތަމަ އިންޒާރު ދެއްވަނީ އެމެރިކާއަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ ސިޓީފުޅެއް ކިމްއަށް ލިބިވަޑައިގެންފައިވާ ކަމަށް ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ ބުނެ އެވެ. ނިއުސް އޭޖެންސީ ބުނާ ގޮތުން ކިމް ހުންނެވީ މިކަމާ ވަރަށް އުފަލުންނެވެ.
އުތުރު ކޮރެއާއަކީ ޗައިނާއަށް ވަރަށް އިތުބާރުކުރާ ގައުމެކެވެ. މި ދެ ގައުމާ ބެހޭ ގޮތުން ދުނިޔެއަށް އެނގިފައި އޮންނަނީ ޗައިނާއިން ނޫނެކޭ ބުނެފި ނަމަ އުތުރު ކޮރެއާއިން އެކަމެއް ނުކުރާނެ ކަމެވެ. އަދި ދެ ގައުމުގެ ދެމެދުގައި ދައްކާހާ ވާހަކައެއް އާންމު ނުވި ނަމަވެސް ދެ ލީޑަރުންނަކީ ވަރަށް ގިނައިން މަޝްވަރާ ކުރައްވާ ދެ ލީޑަރުން ކަމެވެ.
ދުނިޔެއަށް ފެތުރިގަތް ކޮވިޑްގެ ހާލަތުގައި އުތުރު ކޮރެއާއަށް އެންމެ ބޮޑަށް އަޅާލި ގައުމަކީ ޗައިނާ އެވެ. އުތުރު ކޮރެއާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހުގައި ވެސް ޗައިނާގެ ހިއްސާ ވަރަށް ބޮޑެވެ.