ވިޔަފާރި

ތެލުގެ އަގު ދަށްވުން: ރާއްޖެއަށް ކޮން ފައިދާއެއް؟

Jan 17, 2015
1

މިއަހަރު ފެށިގެން އައީ މީގެ ކުރިން ދުނިޔޭގެ ބާޒާރުގައި 100 ޑޮލަރަށް ވުރެ މަތީގައި ހުރި ތެޔޮ ފީފާއެއްގެ އަގު 50 ޑޮލަރާ ހަމައަށް ތިރިވެގެންނެވެ. އެކި ސަބަބުތަކާ ހުރެ ތެލުގެ އަގު ދަށަށް ދިޔުމަކީ ތެޔޮ އުފައްދާ ގައުމުތަކުގެ މައި ޖަމިއްޔާ ކަމަށްވާ އޯޕެކްގެ ގައުމުތަކަށް އެހާ ރަނގަޅު ފާލަކަށް ނުވި ނަމަވެސް، އެ ގައުމުތަކުން ނިންމާފައި ވަނީ ތެޔޮ އުފައްދާ ވަރު މަދުކޮށްގެން ތެލުގެ އަގާ ނުކުޅުމަށެވެ.

މުޅި ދުނިޔޭގެ އިގްތިސާދުގެ އިންޖީނަކީ ތެލަށް ވާއިރު މިއީ ޖުމްލަކޮށް މުޅި ދުނިޔޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެކެވެ. އެކަމަކު ރާއްޖެ ފަދަ، ކިރިޔާ ކިރިޔާ ފުދިގެން އުޅޭ ގައުމުތަކަށް އަދި މިއީ މާ ބޮޑު އުފާވެރިކަމެކެވެ. އެއީ ކިހިނެއް ހެއްޔެވެ؟ ތެލުގެ އަގާ އެކު މި ކުޑަ އިގްތިސާދަށް އޮތީ ކޮންކަމެއް ހެއްޔެވެ؟

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭން އެންމެ ބޮޑު ހަރަދެއް ކޮންމެ އަހަރަކު ވެސް ކުރަނީ ތެޔޮ އިމްޕޯޓް ކުރުމަށެވެ. އިމްޕޯޓްގެ 22 ޕަސެންޓަކީ ތެޔޮ ކަމަށްވާ އިރު އެކަމަށް އެވްރެޖްކޮށް އަހަރަކު 500 މިލިއަން ޑޮލަރު ހަރަދު ކުރެ އެވެ. ތެލުގެ އަގު މިހާރު ކުރިއަށް ވުރެ 50 ޕަސެންޓް ދަށްވެފައިވާ އިރު، ތެލަށް ކުރަން ޖެހޭ ހަރަދު 300 މިލިއަނެއްހާ ޑޮލަރު ރާއްޖޭން ސަލާމަތް ކުރާނެ ކަމަށް ބެލެވެ އެވެ.

އިގްތިސާދީ ދާއިރާ ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ އާތިފް ޝަކޫރު ވިދާޅުވާ ގޮތުން ތެލުގެ އަގު ހެޔޮ ވުމުގެ ސަބަބުން އިމްޕޯޓް ކުރަން ހޭދަ ކުރަން ޖެހޭ ވަރު މަދުވުމަކީ އޭގެ ސަބަބުން ބެލެންސް އޮފް ޕޭމަންޓަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން، އެމްއެމްއޭގައި ހުންނަ ދައުލަތުގެ ރިޒާވަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށް އާތިފް ވިދާޅުވި އެވެ.

ރާއްޖޭގެ އުފެއްދުންތެރި ކަމުގެ އެކި ހަރުފަތްތަކުގައި ވެސް ތެލުގެ ބޭނުން ވަރަށް ބޮޑެވެ. އެގޮތުން އޮފީސް ހިންގުމުން ފެށިގެން ގޮސް އެކި ތަކެތި އުފެއްދުމުގައި ކަރަންޓް ބިލް ދެއްކުމަށް ފައިސާ ހަރަދު ކުރަން ޖެހެ އެވެ. ކަރަންޓްގެ އަގު ކުޑަވުމާއި ބޮޑުވުން ބިނާ ވާނީ ތެލުގެ އަގުގެ މައްޗަށެވެ. އާތިފް ވިދާޅުވި ގޮތުގައި ކަރަންޓަށް ކުރަން ޖެހޭ ހޭދަ ކުޑަވުމަކީ ވިޔަފާރިތަކުގެ ހަރަދު ކުޑަވާނެ ކަމެކެވެ. އެކަމުގެ ސަބަބުން ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި ފައިދާ ރަނގަޅު ވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ.

"އިމްޕޯޓަށް ކުރަން ޖެހޭ ހޭދަ މަދުވެ، ޑޮލަރުގެ އަގު ހެޔޮވެ، އިގްތިސާދަށް ދިރުން ލިބުމުގެ ސަބަބުން އިގްތިސާދީ ދުވެލި ކުރިއަރައި، ވިޔަފާރިތައް ރަނގަޅުވެ، ރައްޔިތުންގެ ޖީބުތައް ތަނަވަސްވުމުގެ ފުރުސަތު އަންނާނެ،" އާތިފް ވިދާޅުވި އެވެ.

އާންމު ގޭބިސީތަކަށް ފޮނުވާ ކަރަންޓް ބިލްތަކުގައި ހިމެނޭ ފިއުލް ސާޗާޖަށް އެއްކޮށް ދައުލަތުން ކޮންމެ މަހަކު ވެސް އަންނަނީ ސަބްސިޑީގެ ގޮތުގައި އެބައި ދައްކައިދެމުންނެވެ. އެކަމަށް ގާތްގަނޑަކަށް އަހަރަކު 200 މިލިއަން ރުފިޔާ ދައުލަތުން ހަރަދު ކުރެ އެވެ. އެކަމަކު ތެލުގެ އަގު ކުޑަވުމާ އެކު ދެ ރުފިޔާއަށް ހުރި ތެލުގެ ސާޗާޖް ވަނީ މިހާރު އެއް ރުފިޔާއަކަށް ވެއްޓިފަ އެވެ. އެއާ އެކު ބަޖެޓުން ކަރަންޓް ސަބްސިޑީއަށް ކުރާ ހޭދަ ކުޑަވާނެ އެވެ. އެއިން ވެސް ބޮޑުބައެއް ސަލާމަތް ވާނެ އެވެ.

އެކަމަކު ތެލުގެ އިމްޕޯޓް ޑިއުޓީން ބަޖެޓަށް ލިބޭ އާމްދަނީ ދަށްވާނެ އެވެ. އެކަމަކު ސަބްސިޑީއަށް ކުރާ ހޭދަ ދަށްވުމާއި ވިޔަފާރިތައް ރަނގަޅުވުމުގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރީގެ ފައިދާ އާއި ޖީއެސްޓީން ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުން ބަޖެޓުން ގެއްލިގެންދާ ފައިސާ ފޫބެއްދޭނެ ކަމަށް އާތިފް ގަބޫލު ކުރައްވަ އެވެ.

ތެލުގެ އަގު ދަށްވުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ހުސް ފައިދާ އޮތްކަމެވެ. އެކަމުން ރާއްޖެއަށް ސަލާމަތް ކުރެވޭނެ ފައިސާ ވަރަށް ގިނަ އެވެ. ތެލުގެ އަގު ދަށްވެ ގިނަ ދުވަސްވާ ނަމަ ދައުލަތުގެ ޕްރޮޖެކްޓްތަކަށް ކުރާ ހޭދަ ވެސް ކުޑަކުރެވޭނެ އެވެ. އަދި ބޭރު ގައުމުތަކުން ތަކެތި އިމްޕޯޓް ކުރުމަށް ކުރާ ހޭދަ ކުޑަކުރެވޭނެ އެވެ. ސަބަބަކަށް ވާނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ތެލުގެ އަގާ އެކު ދަށަށް ދިޔުމެވެ. އެހެން ކަމުން މިއީ ރާއްޖޭން ރަނގަޅަށް ފައިދާ ނަގަން ޖެހޭ މައްސަލައެކެވެ. ތެލުގެ އަގު ދަށްވުމުން ރައްކާ ކުރެވޭ ފައިސާއިން އިގްތިސާދު ކޮށް އެ ފައިސާއިން ދިގު މުއްދަތުގެ އިންވެސްޓެއް ކުރެވޭނެ އުސޫލަކަށް ވިސްނަން މި ވަނީ ޖެހިފަ އެވެ.