މާލޭ ސިޓީ ކައުންސިލް

މާލޭގެ އެންމެ ބޮޑު ޕާކިން ޒޯން ކާނިވާ ސަރަހައްދުގައި ހަދަނީ

Sep 25, 2021
1

ކާނިވާ ސަރަހައްދުގެ ފަސްގަނޑު އެއްވަރުކޮށް ގާ އަތުރާ ނިމޭއިރު 500 އަށް ވުރެ ގިނަ ވެހިކަލަށް ޕާކް ކުރެވޭނެ ޕާކިން ޒޯނެއް އެ ސަރަހައްދުގައި ހެދޭނެ ކަމުގައި މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކާނިވާ ސަރަހައްދުގެ ފަސްގަނޑު އެއްވަރުކޮށް، އެ ސަރަހައްދުގައި ގާ އެތުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ފަހު ހަފްތާގެ ތެރޭގަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ކާނިވާ ސަރަހައްދުގެ ފަސްގަނޑު އެއްވަރުކޮށް ގާ އެތުރުމުގެ މަަސައްކަތް ކުރަނީ ޕާކިން ޒޯނެއް ވެސް ހިމެނޭ ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޑިޒައިން ކޮށްފައިވާ ގޮތުން ޕާކިން ޒޯންގައި މަދުވެގެން 500 ސައިކަލާއި 55 ކާރަށް ޕާކް ކުރެވޭނެ ކަމަށެވެ. އޭރުން މާލޭގައި ހުރި އެންމެ ބޮޑު ޕާކިން އޭރިއާ އަށް ވާނީ ވެސް ކާނިވާ ސަރަހައްދު ކަމުގައި ވިދާޅުވި އެވެ.

ކާނިވާ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ މަގުމަތީގެ ނިޝާންތަކާއި ޓްރެފިކް ނިޝާންތައް ވެސް ހިމަނައިގެންނެވެ.

އޮފިޝަލް ކާނިވާ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތައް ވީހާ ވެސް އަވަހަށް ނިންމާލައި ޕާކިން ޒޯން ވެސް އާންމުންނަށް ވީހާވެސް އަވަހަށް ބޭނުންކުރަން ލިބޭނެ ގޮތް ހެދުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ބޮޑު އިސްކަމެއް ދީފައިވެ އެވެ. އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިން އިމާރާތްތަކެއް ހެދުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.