އެމްޑީޕީގެ ގައުމީ މަޖިލިސް

ގައުމީ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އިސް ލީޑަރަށް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުން އެ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރެއްވި ގިނަ ކެންޑިޑޭޓުން ކާމިޔާބު ހޯއްދާ ކުރިއަށް އޮތް ގައުމީ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު އެމަނިކުފާނު ހޯދައިފި އެވެ.

ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މެންބަރުން އިންތިހާބު ކުރުމަށް މިއަދު ނެގި ވޯޓްގެ ވަރަށް ގިނަ ދާއިރާތަކެއްގެ ނަތީޖާތައް މިހާރު ވަނީ ސާފުވެފައެވެ. އިންތިހާބުގައި ކާމިޔާބު ހޯދި 75 ޕަސެންޓް ކެންޑިޑޭޓުންނަކީ ރަައީސް ސޯލިހުގެ ތާއީދު އޮތް ކެންޑިޑޭޓުން ކަމަށް އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

މިއަދުގެ އިންތިހާބާއެކު ކުރިއަށް އޮތް ގައުމީ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތުވެސް ރައީސް ސޯލިހަށް ލިބިގެން ދިޔައީއެވެ. މިހާރު އޮތް ގައުމީ މަޖިލީހުގައިވެސް މެޖޯރިޓީ އޮތީ ރައީސް ސޯލިހަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހުގެ 139 ގޮޑީގެ ތެރެއިން 115 މެންބަރުންނަކީ ޔަގީނުންވެސް ރައީސް ސޯލިހްގެ މެންބަރުންނެވެ.

"މިހާރުވެއްޖެނަމަ އެ ބޭފުޅުން ބޭނުންވާ ކަންކަމުގައި ގައުމީ މަޖިލީހަށް ގޮވާލައިގެން ބައްދަލްވުންތައް އެބަ ބާއްވާތާ. ނަމަވެސް އައު ދައުރު ފެށޭނީ ސީދާ ރައީސް ސޯލިހުގެ ފުރިހަމަ ބަހެއް ނެތި ބައްދަލްވުމެއްވެސް ދެން ނުބޭއްވޭ ގޮތަށް. މި ދެންނެވީ އެހާވަރުގެ އަގުލަބިއްޔަތެއް އެމަނިކުފާނުގެ އޮންނާނެއޭ. އިންތިހާބުން އެކަން ކަށަވަރުވެއްޖެ،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިއަދުގެ އިންތިހާބުން ކާމިޔާބު ހޯއްދަވާ މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މިނިސްޓަރު އިބްރާހިމް އަމީރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ފަދަ ރައީސް ސޯލިހްގެ އެންމެ އަރިސް ބޭފުޅުން ވަނީ ގައުމީ މަޖިލީހުގެ އައު ދައުރުންވެސް ފުރުސަތު ހޯދާފައިވެއެވެ.

މިއަދުގެ އިންތިހާބުގައި މި ތިން ބޭފުޅުންގެ ކާމިޔާބަކީވެސް ސަރުކާރަށް ހާއްސަަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މުހިންމު ކާމިޔާބީ އެކެވެ.

މިނިސްޓަރު ފައްޔާޒު ވާދަކުރެއްވީ ގަމު ދާއިރާއަށެވެ. އަމީރު ވާދަކުރެއްވީ މެދު ދެކުނު ޕްރޮވިސްގެ ރައީސްގެ މަގާމަށެވެ. އަދި ބިގޭ ވާދަކުރެއްވީ އަލިފުށީ ދާއިރާއަށެވެ. އެންމެ ވާދަވެރިކަން އޮތީ އަލިފުށީ ދާއިރާއަށެވެ. އެއީ މަޖިލީހުގެ އެމްޑީޕީގެ ދެ މެންބަރުން އެ ދާއިރާއަށް ވާދަކުރެއްވުމުންނެވެ. އެއީ ބިގޭގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން (ހަސަންޓޭ) އެވެ. ހަސަންޓޭއަކީ އަލިފުށީ ބޭފުޅެކެވެ.

އަލިފުއްޓަކީ ސަަރުކާރުގެ ނަޒަރު ވަރަށް ބޮޑަށް ހުއްޓިފައި އޮތް ރަށެކެވެ. ކެންޕެއިންގެ ފޯރި ގަދަކަމުން ރަސްމީ ދަތުރުފުޅެއްގެ ސިފަ ޖައްސަވާ ރައީސް ސޯލިހް ވަނީ މެންބަރު ބިގޭއާއެކު އެ ރަށަށް ވަޑައިގެންފައެވެ. އަދި އެއާޕޯޓް މަޝްރޫއު ހިމެނޭހެން އެތައް މަސައްކަތެއް އިއުލާނު ކުރެއްވިއެވެ.

ހަސަންޓޭ ފާހަގަ ކުރެވިފައިވަނީ ރައީސް ނަޝީދުގެ ވަފާތެރި މެންބަރެއްގެ ގޮތުގައެވެ.

އަދި މިނިސްޓަރު އަމީރު އާއި މިނިސްޓަރު ފައްޔާޒަކީ މި ސަރުކާރުގައި ރައީސްގެ އެންމެ އަރިސް ބޭފުޅުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި ރައީސް ނަޝީދު އެންމެ ބޮޑަށް ފާޑުވިދާޅުވާ ދެ މިނިސްޓަރުންނަކީ ފައްޔާޒު އާއި އަމީރެވެ. އެ ދެ ބޭފުޅުންނަށް އަމާޒުކޮށް އެކި ފަހަރު މަތިން ނަޝީދު ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރައްވާފައެވެ. ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށްވެސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. އަދި ފައްޔާޒު "އެކަހެރި" ކުރެއްވުމަށް އެމްޑީޕީގެ ޗެެއާޕާސަން މެދުވެރިކޮށް ރައީސް ނަޝީދު ވަނީ ސިޓީއަކުން ރައީސް ސޯލިހަށް އަންގަވާފައެވެ.

ނަމަވެސް އެއިން ކޮންމެ ކަމަކާ ދެކޮޅު ހައްދަވާ ރައީސް ސޯލިހް ވަނީ ވަރަށް ފާޅުގައި ފައްޔާޒު ދިފާއު ކުރައްވާފައެވެ. މި ސަރުކާރުގެ ވަޒީރުންނަށް އެކި ގޮތްގޮތުން ޕްރެޝަރުތަކާއި ފާޑުކިޔުން އަމާޒުވި ނަމަވެސް ފައްޔާޒުގެ ދިފާއުގައި ނޫނީ ރައީސް މިހާތަނަށް އެއްވެސް ކަމެއް ކުރައްވާފައެއް ނުވެއެވެ. ފައްޔާޒު ދުރުކޮށްފާނެތީ މަޖިލީސް މެންބަރުން ރައީސް އޮފީހަށް ހާޒިރުކޮށް އެ މެންބަރުންގެ އިތުބާރު ކަށަވަރު ކުރެއްވިއެވެ. އިތުބާރު ނެތް ކަމުގެ ވޯޓް ހުއްޓުވާ ގައުމީ މަޖިލީހުން ފައްޔާޒާ ދެކޮޅަށް ކަމެއް ނިންމުމަށްވެސް ހުރަސް އެޅުއްވިއެވެ.

އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވާދަކުރެއްވި މެދު އުތުރު ޕްރޮވިންސް އިން އޭނާ ބޮޑު ތަފާތަކުން ކާމިޔާބު ހޯދުމަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ފާޅުގައި ނިކުމެވަޑައިގެން މަސައްކަތް ނުކުރެއްވި ނަމަވެސް މަހުލޫފާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ރައީސް ނަޝީދެވެ.

މިފަަހަރުގެ އިންތިހާބުން އެންމެ ހަނިގޮތަަކަށް ފުރުސަތު ލިބިވަޑައިގަތީ މަހުލޫފަށެވެ. އިންތިހާބަށް ކެންޕެއިން ކުރެއްވުމަށްވެސް މަހުލޫފަށް ފުރުސަތު ލިބިވަޑައިގެންފައިވަނީ އެންމެ ފަހުންނެވެ. އެމްޑީޕީން ފުރަތަމަ އެންގީ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށެވެ. އެ ނިންމުން އިސްތިއުނާފު ކުރުމުން އެ ކޮމެޓީން ނިންމީވެސް މަހުލޫފަށް ފުރުސަތު ނެތް ކަމަށެވެ.

މަހުލޫފަށް އިންތިހާބުން ފުރުސަތު ލިބިވަޑައިގަތީ އަލަށް އިންތިހާބު ކުރެވުނު އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުން މައްސަލަ އަލުން ބެލުމުންނެވެ. އިންތިހާބުގައި ވާދަކުރެވޭނެ ކަން މަހުލޫފަށް އެ ކޮމެޓީން އަންގާފައިވަަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އެހެން ކަމުން މަހުލޫފަށް ކެންޕެއިން ކުރެއްވުމަށް ލިބިވަޑައިގަތީ 16 ދުވަހެވެ. އެ މުއްދަތުގައި އޭނާ ވަނީ މެދު އުތުރު ޕްރޮވިންސްގައި ހިމެނޭ 32 ރަށަށް ދަތުރު ކުރައްވާފައެވެ.

މީގެ އިތުރުން ކުންފުނިތަކުގައި ތިއްބެވި ބޭފުޅުންވެސް ވަނީ އިންތިހާބުން ކާމިޔާބު ހޯއްދަވާފައެވެ. އޭގެ ތެރޭގައި އާރުޑީސީގެ އެމްޑީ އާއި އެސްޓީއޯގެ އެމްޑީގެ އިތުރުން ފެނަކަ އެމްޑީ ފާހަގަކޮށްލެވެއެވެ.

އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ޝިފާ މުހައްމަދު އިންތިހާބު ކާމިޔާބު ކުރެއްވުމެވެ.

އިންތިހާބުގެ ނަތީޖާ ސާފުވުމާއި ގުޅިގެން އަކްރަމް ވަނީ ބަލި ގަބޫލުކުރައްވާފައެވެ. އޭނާ ވިދާޅުވީ އިންތިހާބުން ބަލިވެއްޖެ ކަމަށެވެ. ނަމަވެސް ވޯޓް ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާ ކުރެއްވިއެވެ.

މިފަހަރުގެ އިންތިހާބުގައި ރައީސް ނަޝީދުގެ ތާއީދު ލިބިވަޑައިގަތީ ޝިފާއަށެވެ. ނަޝީދުގެ މުޅި އާއިލާއިންހެން ވަނީ ޝިފާގެ ކެންޕެއިންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަކްރަމް ފާހަގަކުރެވުނީ ރައީސް ސޯލިހްގެ ތާއީދު އޮތް ކެންޑިޑޭޓެއްގެ ގޮތުގައެވެ. ނަމަވެސް އެކަން ރައީސް ރަސްމީ ކުރައްވާފައެއް ނުވެއެވެ.

ގައުމީ މަޖިލީހުގެ މެޖޯރިޓީއާއެކު ރައީސް ސޯލިހު އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ 2023 ގެ އިންތިހާބަށް ޕްރައިމަރީއެއް ނެތި އެމްޑީޕީގެ ޓިކެޓް ގައުމީ މަޖިލީސްތެރެއިން ހޯއްދެވުން ކަމަށް ބައެއް ފަރާތްތަކުން އަޑު ފަތުރައެވެ. ނަމަވެސް އެ ކަމާއި ގުޅޭގޮތުން އަދި ވާހަކަ ދައްކަން އެމަނިކުފާނުގެ އަރިސް ބޭފުޅުން ފަސްޖެހެއެވެ.

މިއަދުގެ އިންތިހާބުގެ ކުރީން އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް އިސް ލީޑަރުގެ ކެންޑިޑޭޓުން ހޮވާ ރައީސް ސޯލިހުގެ ނުފޫޒު ވަނީ އެމްޑީޕީގައި ވަރުގަދަކޮށްފައެވެ.