ހަބަރު

އިސްލާމިކް ޔުނިވާސިޓީއަށް އަންނަ އަހަރު 75 މިލިއަން ރުފިޔާގެ ބަޖެޓެއް އެބައޮތް: ޝަހީމް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ އަންނަ އަހަރުގެ ބަޖެޓަށް 75 މިލިއަން ރުފިޔާ ހަމަޖެއްސާފައިވާ ކަމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ އިސްލާމީ ތައުލީމަށް ހާއްސަކޮށްގެން ޔުނިވާސިޓީގެ މަސައްކަތަށް މުހިންމުކަން ސަރުކާރުން ދީގެން، މީގެ ކުރިޔާ ހިލާފަށް އަންނަ އަހަރުގެ ބަޖެޓަށް ބޮޑު އަދަދެއް ފާސްކޮށްފައިވާ ކަމަށާއި އެގޮތުން އެމިނިސްޓްރީ އިން ހުށަހެޅި ގޮތަށް 75 މިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ފާސްކޮށްފާ ކަމަށެވެ.

"މީގެކުރިން މިފަދަ ތަންތަނަށް ދޭ ބަޖެޓާއި ބަލާފަ މިއީ ވަރަށް ތާރީހީ ބަޖެޓެއް! އިސްލާމިކް ޔުނިވާސިޓީ ކުރިން ކުއްލިއްޔާގެ ގޮތުގައި އޮންނަ އިރު އެންމެ ގިނަވެގެން ވެސް 19 މިލިއަން ރުފިޔާ ބަޖެޓަކީ. ނަމަވެސް އޭގެ އެތަށް ގުނައެއް އިތުރަށް މިހާ ބޮޑު ބަޖެޓެއް ފާސް ވެގެން ދިޔުމުން އޭގެ ފައިދާ ނުވާނެ ދަރިވަރެއް ނުހުންނާނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ގޮތުގައި މިފަދަ ބަޖެޓެއް ލިބުމުގެ ސަބަބުންރާއްޖޭގެ އިސްލާމީ ތައުލީމު ވަރުގަދަވެ ބޭރަށް ނުގޮސް ރާއްޖޭގަ ތިބެގެން އިސްލާމީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެން ދާނެ އެވެ.