ރައްޔިތުންގެ މަޖިލިސް

މަސްދަރު ހާމަކުރުވާ މާއްދާ ބާތިލް: ނިޝާން

ސަރުކާރުން ސްޕޮންސާ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހެއްކާބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތް މާއްދާ އެއީ ބާތިލު މާއްދާއެއް ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާަންމުކުރާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ނިޝާން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލުގެ 136 ގައި ނޫސްވެރިޔާ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް މަޖުބޫރު ކުރެވޭނެ ދެ ހާލަތެއް ބަޔާންކޮށްފައި އޮތުމުން އެކަން ގާނޫން އަސާސީގެ 28 ވަނަ މާއްދާ އާއި ތައާރުޒުވާ ކަމަށެވެ. އެހެންކަމުން އެކަންވާނީ 268 ގެ ދަށުން ބާތިލު އެއްޗަކަށް ކަމަށް ނިޝާން ވިދާޅުވިއެވެ.

ހެއްކާބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ދެ އިދާރާއިން ވަނީ އެ މާއްދާ އުނިކުރަންވެސް ގޮވާލާފައެވެ. މީގެ އިތުރުން މަޖިލީސް މެންބަރުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން އަދި ސިޔާސީ ޕާޓީތަކުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.