އަބްދުﷲ ޖާބިރު

ދަރިވަރުންނަށް އަސްކަރީ ތަމްރީން ދޭން ގާނޫނެއް ހުށަހަޅަނީ

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް އަސްކަރީ ތަމްރީން ދޭން ލާޒިމްކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ އިންޑިއާގައި ތަމްރީން ހަދަމުން ދަނިކޮށް މަރުވި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ހަނދާނުގައި މިއަދު މަޖިލީހުގައި އަމިއްލަފުޅަށް ސުކޫތެއް ގެންނަވައި ވާހަކަ ދައްކަވަމުންނެވެ.

ސުލްތާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރައްވައި ޖާބިރު ވިދާޅުވީ އަސްކަރިއްޔާ އިތުރަށް ހަރުދަނާ ކުރަން ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ.

"ދިވެހިރާއްޖެއަށް އަންނަ އުދުވާންތަކުން އަސްކަރިއްޔާއިން އަޅުގަނޑުމެން ސަލާމަތްކޮށްދޭތީވެ އަސްކަރިއްޔާއަށް އިތުރު ހިތްވަރާއި އިތުރު ހަކަތައާއި އިތުރު ތަމްރީނާއި އިތުރަށް ދިވެހިރާއްޖޭގެ ހުރިހާ ސްކޫލުތަކުން ކިޔަވާ ކުދިން އަސްކަރީ ތަމްރީންވުމަށް ގާނޫނެއް ފާސްކުރުމަށް އަޅުގަނޑު މަޖިލީހަށް ހުށަހަޅާނަން" ޖާބިރު ވިދާޅުވި އެވެ.

ސުލްތާން ފަދައިން އަސްކަރީ ބޭފުޅަކު މަރުވެއްޖެ ނަމަ މަޖިލީހުން ސުކޫތު ގެންނަން ޖެހޭ ގޮތަށް އޭނާ ހުށަހަޅުއްވާ ބިލްގައި ހިމަނުއްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ.

އއ. ހިމަންދޫ އަށް އުފަން ސުލްތާން މަރުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ މަރުވީ އިންޑިއާގެ ނެޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ކުރިން ވަނީ ބުނެފަ އެވެ.

އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ރޭ ވަނީ އާ ސަހަރާގައި ވަޅުލާފަ އެވެ.