މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ޑިވިޒަންތަކަށް ކޮމާންޑަރުން އައްުޔަންކޮށް ލިޔުން ހަވާލުކޮށްފި

Sep 28, 2021

ފުލުހުންގެ ހިދުމަތް ލާމަރުކަޒު ކުުރުމުގެ ގޮތުން އަތޮޅުތައް ފަސް ޑިވިޒަނަކަށް ބަހާލުމަށްފަހު އެއިން ކޮންމެ ޑިވިޒަނަކަށް ފުލުހުންގެ ކޮމާންޑަރުން އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކޮށްފި އެވެ.

ޑިވިޒަންތަކަށް ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށް މަގާމު ލިޔުން ހަވާލުކޮށްދެއްވީ އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެފައިވެ އެވެ.

ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށްފައިވާ ޑިވިޒަންތައް:

  • އަޕަ ނޯތު ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަހައްދު) - ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝިހާމް
  • ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދު) - ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ
  • ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަހައްދު) - ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ސަތީހް
  • ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ސަރަހައްދު) - ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު
  • ސައުތު ޕޮލިސް (ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދު) – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ހަވަނަ މާއްދާގެ ދަށުން ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތް އިދާރީ ގޮތުން އިންތިޒާމުކުރެވިގެންވާ ގޮތް ކޮމިޝަނާ އޮފް ޕޮލިސްގެ މަޝްވަރާގެ މަތިން ކަނޑައަޅުއްވަން ޖެހިވަޑައިގަންނަވަނީ ހޯމް މިނިސްޓަރަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތް މުޅިރާއްޖޭގައި އިންތިޒާމްވެގެންވާ ގޮތަށް އަތޮޅު ތެރެ ފަސް ސަރަހައްދަކަށް ބެހުމުގެ އިތުރަށް ހަވަނަ ސަރަހައްދެއްގެ ގޮތުގައި މާލެ ސަރަހައްދު ވަނީ ކަނޑައަޅާފަ އެވެ. ކެޕިޓަލް ޕޮޮލިސްގެ ގޮތުގައި މާލެ ސަރަހައްދުގައި ހިމެނެނީ މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅެވެ.

ދިވެހި ފުލުހުންގެ ހިދުމަތް މުޅިރާއްޖޭގައި އިންތިޒާމުވެގެންވާ ހަ ސަރަހައްދެއް ފުލުހުންގެ އާ ގާނޫނުގެ ދަށުން ކަނޑައެޅިއިރު، ކުރިން ފުލުހުންގެ ހިދުމަތް މުޅިރާއްޖެއަށް ބަހާލާފައިވަނީ މާލެ ސަރައްދުގެ އިތުރުން ހަތް ޑިވިޒަނެއްގެ މައްޗަށެވެ.