ބޮލީވުޑް

ރަންބީރާއި އާލިއާގެ ކައިވެނީގެ އަޑު އަނެއްކާވެސް ގަދަވެއްޖެ

ބޮލީވުޑްގެ އެންމެ 'ލޯބި'އެއް ޖޯޑު ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތައް އަނެއްކާވެސް ވަރަށް ގަދަވެއްޖެ އެވެ. އިންޑިޔާގެ ޖޯދްޕޫރުގައި މި ވަގުތު ޗުއްޓީ އަށް ގޮސް ތިބި މި ދެ ތަރިން އެ ރަށަށް ގޮސް އުޅެނީ ކައިވެނިކުރާނެ ތަނެއް ފައިނަލް ކުރަން ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.

ނަމަވެސް އާލިއާ އާއި ރަންބީރުގެ އެކުވެރިން ބުނަނީ އެ މީހުން ޖޯދުޕޫރަށް ދިޔައީ ރަންބީރުގެ 39 ވަނަ އުފަން ދުވަސް ފާޙަގަ ކުރަން ކަމަށެވެ.
ރަންބީރާއި އާލިއާގެ އެކުވެރި ފިލްމީ ބަތަލާ ލާރާ ދައްތާ ދާދި ފަހުން ބުނެފައިވަނީ މި އަހަރު ނިމުމުގެ ކުރިން އެ ދެ އެކްޓަރުން ކައިވެނިކުރާނެކަމަށެވެ.

މިއަހަރު ނިމެން މިހާރު ދެ ތިން މަހަށް ވެފައިވާއިރު މިހާރު މި އަރައިގެން އުޅޭ އަޑަކީ ހަގީގަތަކަށް ވެދާނެކަމަށް ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.

ރަންބީރު އާއި އާލިއާ ލޯބީގެ ގޮތުން ގުޅުނީ 2017 ގައެވެ. އޭގެ ފަހުން މި ދެ ތަރިންގެ ދެ އާއިލާގެ މެދުގައި ވެސް ވަރަށް ޚާއްސަ ގުޅުމެއް އުފެދިފައި ވެއެވެ. ރަންބީރުގެ މަންމަ ނީތޫ ސިންގް އާއި އާލިއާގެ މަންމަ ސޯނީ ރޯޒްދާން އަކީ ވެސް މިހާރު ވަރަށް ގާތް އެކުވެރިންނަށް ވަނީ ވެފަ އެވެ. އަދި އާލިއާގެ ދައްތަ ޝާހީން އާއި ރަންބީރުގެ ދައްތަ ރިދިމާގެ ވެސް ޚާއްސަ އެކުވެރިކަމެއް އޮވެ އެވެ.

މިދިޔަ އަހަރު ޓީވީ އެންކަރު ރަޖީވް މަސަންދު އަށް ދިން އިންޓަވިއު އެއްގައި ރަންބީރު ބުނެފައިވަނީ ކޮވިޑް-19ގެ ޕެންޑެމިކް ނެތްނަމަ އޭނާ އާއި އާލިއާ އޭރު ވެސް ތިބީހީ ކައިވެނި ކޮށްގެންނެވެ. އަދި މާ ގިނަ ދުވަސްތަކެއް ކައިވެނި ކުރުމަށް ޚިޔާލުކުރާ ކަމަށް އެ އިންޓަވިއުގައި ރަންބީރު ބުނެފައި ވެއެވެ.