އެޗްޑީސީ

ހުޅުމާލޭގެ ބިން އޮތީ އެންމެންނަށް ފަހިވާ ގޮތަށް

Oct 1, 2021
1

ހުޅުމާލޭ ލޭންޑް ޔޫސް ޕްލޭނަކީ ސަރުކާރު ތަކުގެ ސިޔާސަތު ތަކަށް ބިނާކޮށް ހަދާފައިވާ ދުރު ރާސްތާ ޕްލޭނެކެވެ.

މި ޕްލޭނަކި ކޮންމެ ފަސް އަހަރަކުން ރިވިއު ކުރެވި ސަރުކާރު ތަކާއި ހިއްސާކުރެވުމުންދާ ޕްލޭނެކެވެ. ދެމެހެއްޓެނިވި ގޮތެއްގައި ހުޅުމާލެ ތަރައްގީ ކުރަމުން އަންނައިރު، ބޯހިޔާވަހިކަމުގެ އިތުރުން ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ލިބެން ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ވަށާޖެހޭ ދިރިއުޅުމެއް ބިނާކުރުމަށް ވަޒީފާގެ ފުރުސަތު ތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ފުރުސަތު ދިނުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ހުޅުމާލޭ ލޭންޑް ޔޫސް ޕްލޭންގެ ދަށުން އަންނަނީ މިކަންކަމަށް ޖާގަ ކަނޑައަޅައި އެތަންތަން ތަރައްގީ ކުރަމުންނެވެ.

މި ޕްލޭންގައި ހުޅުމާލޭގައި ބިނާކުރާ އިމާރާތް ތަކުގެ ތަޅުމުގެ ޖާގައިގެ 50 ޕަސެންޓަކީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކަނޑައެޅިފައިވާ ޖާގަ އެވެ. އަދި 33 ޕަސެންޓަކީ އާންމު ހިދުމަތްތައްދޭ ސްކޫލް، ހޮސްޕިޓަލް، އޮފީސް އަދި މިސްކިތް ފަދަ ތަންތަން އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ޖާގަ އެވެ. ބާކީ 17 ޕަސެންޓު ކަނޑައަޅާފައިވަނީ ވިޔަފާރި އަދި ސިނާއި މަސައްކަތްތައް ކުރުމަށެވެ.

ރައްޔިތުންނަށް ލިބޭ އާމްދަނީ ތަފާތު ގިންތި ތަކަށް ބެހިފައި ވާއިރު، މިހުރިހާ ފަރާތް ތަކަށް ވެސް ހުޅުމާލޭ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ އެވެ. އެގޮތުން މި ޕްލޭންގެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ ސޯޝަލް ހައުސިން އަށެވެ. ބާކީ ބަޔަކީ އެކި ފަންތި ތަކުގެ ފަރާތް ތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ބައެވެ.

ހިޔާ މަޝްރޫއުގެ ފްލެޓް ތަކުގެ އިތުރުން މި ސަރުކާރުން އަންނަނީ ލޯ އިންކަމް ފަންތިއަށް އަމާޒު ކޮށްގެން 10،000 އަށް ވުރެ ގިނަ ކައުންސިލް އަދި އެފޯޑެބަލް ހައުސިން ފްލެޓް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މެދު ފަންތިއަށް އަމާޒު ކޮށްގެން 2،530 ހައުސިން ޔުނިޓް ހުޅުމާލޭގައި އަންނަނީ ގާއިމު ކުރަމުންނެވެ.

ހައި އިންކަމް ފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން މިހާތަނަށް ހުޅުމާލޭގައި 18 ރޯހައުސް ވަނީ ތަރައްގީ ކޮށްފަ އެވެ. އަދި ބިޑް އުސޫލުން ދެ ފޭސް އެއްކޮށްލައިގެން 731 ގޯތި ވިއްކާފައިވެ އެވެ.