އާދަމް ޝަރީފު އުމަރު

ސާފް ޗެމްޕިއަންޝިޕްގައި ޔޫތް މިނިސްޓަރު ނެތުމަކީ ފަޅުކަމެއް

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިއަދު ފަށާއިރު ކުޅިވަރާ ބެހޭ މިނިސްޓަރު ނެތުމަކީ ފަޅުކަމެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޅިވަރާއި ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް "ވާނުވާގައި" ބަހައްޓާފައި ހުންނަތާ ހަތަރު މަސް ވަނީ ކަމަށެވެ. މިހާ ގިނަ ދުވަސް ވަޒީރަކަށް ޒިންމާ އަދާ ނުކުރެވޭ ގޮތައް ބެހެއްޓުމަކީ ޒުވާނުންނަށާއި ކުޅިވަރަށް ވަމުންދާ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް މިއަދު ފެށޭއިރު ޔޫތް މިނިސްޓަރު ނެތުމަކީ ފަޅުކަމެއް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ދައުވާކުރަން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ފޮނުވާފައިވާތާ 110 ދުވަސް ވަނީ ވެފައެވެ. މަހްލޫފްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވި ދުވަހުން ފެށިގެން މަހްލޫފް ހުންނެވީ މަސައްކަތުން އެކަހެރިކޮށްފަ އެވެ.

މިނިސްޓަރު މަހްލޫފާ މެދު ޕީޖީ ގޮތެއް ނިންމެވުން ލަސްކުރަމުންދާތީ މިނިސްޓަރު މަހްލޫފް ވަނީ އެ މައްސަލާގައި ކޮންމެވެސް އެއްގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑއިގެންފަ އެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުވެސް ކުރައްވައެވެ.