ސާފް ޗެމްޕިއަންޝިޕް

މިއީ ފުޓްބޯޅަ ފޯރި ނަގަން ލިބޭ ރަނގަޅު ފުރުސަތެއް: މަހްލޫފް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ފުޓްބޯޅަ ފޯރި ނަގަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް މިނިސްޓާ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް، އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕާއި ގުޅޭ ގޮތުން މިނިސްޓަރު އަވަސްއަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ އެކި ސަބަބު ތަކާއި ހުރެ ރާއްޖޭގައި ކުޅިވަރުގެ ފޯރި، އަދި ވަކިން ހާއްސަކޮށް ފުޓްބޯޅައިގެ ފޯރި ގެއްލިފައިވާ ކަމަށެވެ. މި ފޯރި އަލުން ގެނައުމަށް ރަނގަޅު ފެންވަރުގެ ގިނަ ދަނޑު ތަކެއް ހަދަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ 25 ވަރަކަށް ދަނޑުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި 70 ވަރަކަށް ދަނޑު ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ކުޅިވަރަށް ވަކިން ހާއްސަކޮށް ސާފް ޗެމްޕިއަންޝިޕަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިފަހަރުގެ މުބާރާތުގައި ދިވެހި ޓީމާއި ސަޕޯޓަރުންގެ ފަރާތުން ލިބޭ ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ޓީމުން ހިފާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން މިތިބީ ޓީމާ އެކު. މި ފުރުސަތު މިއީ އަލުން ކުޅިވަރުގެ ފޯރި، ފުޓްބޯޅައިގެ ފޯރި ނަގަން އެންމެ ރަނގަޅު ވަގުތު،" މަހްލޫފް ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕާއި ގުޅޭ ގޮތުން މިނިސްޓާ އަވަސްއަށް ދެއްވި އިންޓަވިއު

ރާއްޖޭގައި މިފަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވުމަކީ ވަރަށް އުފާ ކުރައްވާ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފަހަރުގެ މުބާރާތް ނުބޭއްވޭނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް މިނިސްޓްރީ އާއި އެފްއޭއެމްގެ ރައީސް މި މުބާރާތް ބޭއްވުމަށް ގިނަ މަސައްކަތް ތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވި ކަމަށާއި، މިފަހަރުގެ މުބާރާތް މި ބޭއްވެނީ ރައީސްގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކުގައި ކަމަށްވެސް ވިދާޅުވި އެވެ.

މިފަހަރުގެ މުބާރާތް އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ ބަންގްލަދޭޝްގަ އެވެ. އެކަމަކު އެ ގައުމުގައި ކޮވިޑްގެ ހާލަތު ގޯސް ވުމުން މުބާރާތް ނުބޭއްވޭނެ ކަމަށް ނިންމީ އެވެ. އޭގެ ފަހުން މުބާރާތް ހޯސްޓު ކުރާނެ ގައުމެއް ހޯދުމަށް ސާފުން ބިޑަށް ހުޅުވާލުމާއި އެކު ރާއްޖެ އާއި ނޭޕާލުން ވަނީ މުބާރާތް ހޯސްޓު ކުރުމަށް ބިޑް ކޮށްފަ އެވެ. ރާއްޖެއަށް މުބާރާތް ހޯސްޓު ކުރަން ބިޑް ކާމިޔާބު ކުރެވުނު އެންމެ މުހިންމު އެއް ސަބަބަކީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ނޭޕާލަށް ވުރެ ރަނގަޅު ވުމެވެ.