މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ހައިރިސްކު ގައިދީން ޖަލަށް ބަދަލު ކުރުމާމެދު އަދި ގޮތެއް ނުނިންމާ

ކޮވިޑް ޖެހުމުގެ ނުރައްކާ އޮތުމުން ގޭ ބަންދަށް ވަގުތީ ގޮތުން ބަދަލުކުރި ގައިދީން އަލުން ޖަލަށް ބަދަލު ކުރުމާމެދު އަދި ގޮތެއް ނިންމާފައި ނެތް ކަމަށް ކަރެކްޝަނުން ބުނެފި އެވެ.

ކޮވިޑްގެ ނުރައްކާ އޮންނަ ހައި ރިސްކު ގައިދީން ގޭ ބަންދަަށް ބަދަލުކުރަން ފެށީ މިދިޔަ އޭޕްރީލް މަހު އެވެ. އޭގެ ތެރޭގައި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ގައިދީންނާއި އުމުރުން ދުވަސްވީ ގައިދީން ހިމެނެ އެވެ.

އެގޮތުން މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ގޭ ބަންދަށް ވަގުތީ ގޮތުން ބަދަލުކުރި އެވެ.

ނަަމަވެސް މިފަހުން އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެެ. އެހެން ނަމަވެސް ހައި ރިސްކު މީހުން ޖަލަށް ބަދަލު ކުރުމާމެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އޮފިސަރު ވިދާޅުވީ އެ ނިންމުން ނިންމާނީ ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހު އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ރާއްޖޭގައި ވަރަށް ބޮޑަށް މަދުވި ނަމަވެސް މާފުށި ޖަލުގައ މިހާރުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ތިން މީހުން އެބަ ތިއްބެވެ.

ހައި ރިސްކު ގައިދީން ގެއަށް ބަދަލުކުރަން ފެށި ދަނޑިވަޅަކީ ރާއްޖޭގައި އެންމެ ބޮޑަށް ކޮވިޑް ފެތުރެމުން ދިޔަ ދަނޑިވަޅުވެސް މެއެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް މިހާރު ރަަނގަޅުވެފައިވާތީ ގައިދީން އަލުން ޖަލަށް ބަދަލުނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.