މޯލްޑިވްސް ޕޮލިސް ސާވިސް

މަރުގެ އިންޒާރާ ގުޅިގެން ބަލަންޖެހޭ ކަންކަން އެބަ ބަލަން: ފުލުހުން

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން ގޮވި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން ގޮވީ އަބްދުލްހަމީދުގެ ނަމުގައި ފޭސްބުކްގައި ހަދާފައިވާ އެކައުންޓަކުންނެވެ. އެ މީހާ އެހެން ބުނީ ރައީސް ޔާމީނާ ގުޅޭ ގޮތުން އެހެން މީހަކު ކުރި ޕޯސްޓަކަށް ކުރި ކޮމެންޓެއް މެދުވެރިކޮށެވެ. އެ ކޮމެންޓް ކުރި މީހާ ބުނެފައި ވަނީ "ރައީސް ޔާމީނަކީ މަރަންޖެހޭ މީހެއް" ކަމަށެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ރައީސް ޔާމީން އަވަހާރަ ކޮށްލަން ގޮވި މައްސަލަ ފުލުހުންނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޓީގައި އެދިފައިވަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ފޭސްބުކްގައި އަބްދުލް ހަމީދު ކިޔާ މީހަކު ލިޔެފައިވާ ލިޔުމުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށާއި ރައީސް ޔާމީނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް،" ތޮލާލް ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ސުވާލު ކުރުމުން ފުލުހުން ދެންމެ ބުނީ އެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

"ސޯޝަލް މީޑިއާގައި ރައީސް ޔާމީނަށް މަރުގެ އިންޒާރު ދީފައިވާ މައްސަލަ ވަނީ ފުލުހުންގެ ސަމާލު ކަމަށް އަައިސްފައި. އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ނޫސްވެރިންގެ ސުވާލުތަކާއި ގުޅިގެން ފުލުހުން ފޮނުވި މެސެޖްގައިވެއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ގޮވާލި މައްސަލައެއް ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލާގައި ތުހުމަތުކުރެވޭ މީހާ ފުލުހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ. މީގެ ކުރީން ރައީސް ޔާމީން އަވަހާރަ ކޮށްލަން ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ވެސް ގޮއްވާލާފައި ވެއެވެ.