ކީލިއަން އެމްބާއްޕޭ

ޕީއެސްޖީ ދޫކޮށްލި ނަމަ ރެއާލް ނޫން ކްލަބަކަށް ނުދާނަން: އެމްބާޕޭ

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ ދޫކޮށްލި ނަމަ ރެއާލް މެޑްރިޑް ނޫން އިތުރު އެއްވެސް ކްލަބަކަށް ނުދާނެ ކަމަށް ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ބުނެފި އެވެ.

ނިމިގެންދިޔަ ޓްރާންސްފާ މާކެޓުގައި އެންމެ ފޯރި ގަދަކޮށް ދެކެވުނު ވާހަކައަކީ އެމްބާޕޭ، ޕީއެސްޖީ ދޫކޮށް ރެއާލްއަށް ދަން އުޅޭ ވާހަކަ އެވެ. އަދި ރެއާލުން ހުށަހެޅި އެތައް ހުސަހެޅުން ތަކަކަށް ޕީއެސްޖީން ނޫނެކޭ ބުނަމުންދިޔަ އަޑެވެ. އެކަމަކު މިއިން އެއްވެސް ކަމަކާމެދު އެމްބާޕޭ މީގެ ކުރިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އިންޓަވިއު އެއްގައި އެމްބާޕޭ ބުނީ ޕީއެސްޖީ ދޫކޮށް ރެއާލްއަށް ބަދަލުވާން ބޭނުންވާ ކަމަށް މި އަހަރުގެ ޖުލައި މަހު އޭނާގެ ކްލަބަށް އަންގާފައި ވާނެ ކަމަށެވެ. އެމްބާޕޭ ބުނީ "މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ ދޫކުރަން ބޭނުންވާ ކަމަށް ކްލަބަށް އެންގީ ދެކޮޅަށް ވެސް ފައިދާ ވާނެތީ. އެއީ މިއަންނަ އަހަރު ފްރީ ޓްރާންސްފާއެއްގައި ބަދަލުވުމަށް ވުރެ ކްލަބަށް ވެސް ރަނގަޅު ވާނީ މިފަހަރު އަހަރެން ބަދަލުވި ނަމަ" ކަމަށެވެ.

ޕީއެސްޖީން އެމްބާޕޭ ދޫ ނުކުރުމުން ޓީމަށް އޭނާގެ މުހިންމުކަން އެނގޭކަން ފާހަގަ ކުރަމުން އެމްބާޕޭ ބުނީ މިއަންނަ އަހަރު ވެސް އޭނާ ޕީއެސްޖީ ދޫނުކުރާނެ ކަމަށް ކްލަބުގެ ރައީސް ބުނުމުން ތަންކޮޅެއް އުނދަގޫވި ކަމަށެވެ. އެއީ އުމުރުން 18 އަހަރުން ފެށިގެން އެ ކްލަބުގައި ހަތަރު އަހަރު އުޅެފައި ޓީމުން އެހާ ބޮޑަށް އޭނާ ބެނުންވެފައި ހުއްޓައި ކްލަބު ދޫކޮށްލަން ޖެހޭތީ އެވެ.

އެކަމަކު ޓީމާއި އެމްބާޕޭއާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް އެމްބާޕޭ ބުންޏެވެ. އެމްބާޕޭ ބުނީ ޕީއެސްޖީގައި މިވަގުތު އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި ޓީމަށް ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ފްރާންސް ލީގުގައި ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ކަމަށާއި، އެހެންކަމުން މިހާރު އޭނާ ބޭނުންވަނީ އެހެން ލީގަކަށް ގޮސް އިތުރު ކާމިޔާބީ ތަކަކާއި ތަޖުރިބާ ތަކެއް ހޯދަން ކަމަށެވެ.