ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަރަން ގޮވާލުން ވެރިކަން ކުރާ އެމްޑީޕީއަށް މާބޮޑު މައްސަލައަކަށް ނުވާ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު އެފަދައިން ވިދާޅުވީ އުއްތަަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ސެކިއުރިޓީ ބްރީޗްވީގޮތާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ރައީސް ޔާމީން މަރާން ގޮވާލީ އަބްދުލްހަމީދުގެ ނަމުގައި ފޭސްބުކްގައި ހަދާފައިވާ އެކައުންޓަކުންނެވެ. އެ މައްސަލަ ފުލުހުން ބަލަމުންދާ އިރު އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. މީގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަރަން ފޭސްބުކްގައި ގޮވާލި މީހާ ހައްޔަރު ކުރި އެވެ.
ސައީދު މިއަދު ވިދާޅުވީ ރައީސް ނަޝީދު އަވަަހާރަކޮށްލަން ގޮވާލުން އެމްޑީޕީއަށް މައްސަލައަށްވި ނަމަވެސް ޔާމީން މަރާލަން ގޮވުން މާބޮޑު ކަމަކަށް ނުވާ ކަމަށެވެ. އެހެން ނަމަވެސް އެ ދެ މައްސަލައަކީ ވެސް ބޮޑު ދެ މައްސަލައެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ދިވެހި ރައްޔިތަކަށް އަނިޔާކުރުން ގޮވުމަކީ ވެސް މަރަން ގޮވުމަކީ ވެސް ޓެރަރިޒަމްގެ އަމަލުތައް. ބޮޑު ކެކުރިއެއް ކުޑަ ކެކުރިއެއް ނުހުންނާނެ." ސައީދު ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ވެސް އެކަން މާބޮޑު ކަމަކަަށް އެމްޑީޕީން ނަހަދާތީ ޕީޕީއެމް / ޕީއެންސީގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވެއެވެ.