ބިދޭސީން

ސަރުކާރަށް ގެންނަ ބިދޭސީންނަށް ވެސް ކޯޓާ ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި

މާދަމާ އިން ފެށިގެން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެއްވެސް މަސައްކަތެއް ކުރުމަށް ބިދޭސީން ގެނެވޭނީ އިމިގްރޭޝަނުން ދޭ ކޯޓާއެއްގެ ދަށުން ހުއްދަ ލިބިގެން ކަމަށް ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން ބުނީ އެގޮތަށް ހަމަޖައްސަން ޖެހުނީ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ގެންގުޅޭ އެކްސްޕެޓް އޮންލައިން ސިސްޓަމް ހަރުދަނާކޮށް ބިދޭސީންގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކޯޓާއެއް ނެތި ބިދޭސީން ގެނައުމުގެ ސަބަބުން ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އެކި ވަރުގެ ދަތިތައް ކުރިމަތިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެކަަމަށް ސަރުކާރުގެ ކަމާގުޅޭ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން މިއަދު ވަނީ ވޯކްޝޮޕްތަކެއް ބާއްވައިފަ އެވެ.

އިމިގްރޭޝަނުން ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކޯޓާއަށް ހުށަހަޅާއިރު ބިދޭސީ މުވައްޒަފުން ގެންނަން ބޭނުންވާ އަދަދު އެނގޭނެ ގޮތަށް ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ކޯޓާއަށް އެދޭ ފަރާތަކީ ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުންޏެއްނަމަ، ބިދޭސީން ގެނައުމަށް ފާސްކޮށްފައިވާ ކުންފުނީގެ ބޯޑް ރިސޮލިއުޝަނެއް ހުށަހަޅަށްޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. މިވަގުތު ސަރުކާރުގެ ވަޒީފާގައި ތިބި ބިދޭސީންނަށް އަންނަ އަހަރުގެ މާޗް މަހުގެ ގެ ކުރިން ކޯޓާ ހޯދާ އެ ފަރާތްތައް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސައިޓަށް ބަދަލު ކުރުމުގެ ކަންތައް ކޮށް ނިންމުމަށް އިމިގްރޭޝަނުން ވަނީ މިއަދު ސަރުކާރުގެ ހުރިހާ އޮފީހަކަށް އަންގައިފަ އެވެ.