އޭސީސީ

ޖާފަތުގެ މައްސަލައިގައި މުންދުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

Nov 30, 2015

މިނިވަން 50ގެ ރަސްމީ ޖާފަތުގެ ކަންކަން ނިއުޕޯޓަށް ހަވާލުކުރި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް މުންދުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ޕީޖީގެ އޮފީހަށް ފޮނުވައިފި އެވެ. 

އޭސީސީ އިން ބުނީ އެ މައްސަލަ ނިންމައި މިހާރު ކަމާ ބެހޭ ފަރާތްތަކާ ފޮނުވާފައިވައި އެކަމުގެ ރައްދުވާ ފަރާތްތަކަށް މައްސަލަ ނިންމި ގޮތް އަންގާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އެެހެން ނަމަވެސް އެ މައްސަލައިގައި މުންދުގެ މައްޗަށް ދައުވާ ކުރަން ފޮނުވިކަން ވެސް ނުވަތަ ނޫން ކަން ވެސް ކޮމިޝަނުން ނުބުންޏެވެ. ބުނީ އެ މައްސަލަ ނިންމި ގޮތް ފަހުން މީޑިއާއަށް ހާމަ ކުރައްވާނެ ކަމަށެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ނާޖާއިޒު ފައިދާއެއް ވަކި ފަރާތަކަށް ހޯދައި ދިނުމަށް މުންދު އެކަމުގައި މަސައްކަތް ކޮށްފައި ވާތީ ދައުވާކޮށްދިނުމަށެވެ.

ރައީސްގެ ރަސްމީ ޖާފަތަށް ތިން މިލިއަނެއްހާ ރުފިޔާ ހަރަދު ކުރިއެވެ. ނަމަވެސް އެ ޖާފަތުގައި ހުރި ކެއުމުގެ ބާވަތްތައް މަދު ވުމާއި ރަހަ ނުބައިވުމުގެ އިތުރުން އޯޑަރު ދިން ކާއެއްޗެހި ނުލިބި ވަރަށް ބޮޑަށް ލަސްވުން ފަދަ ކަންކަމާ ގުޅިގެން ޖާފަތަށް ދިޔަ އެތައް ބަޔަކު ވަނީ ޝަކުވާކޮށްފަ އެވެ.

ޖުލައި 26 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖާފަތަށް 800 އެއްހައި މީހުންނަށް ދައުވަތު ދިން އިރު، ރާއްޖެއިން ބޭރުގެ ބޮޑެތި އިއްޒަތްތެރިން ވެސް ވަނީ ޖާފަތުގައި ބައިވެރިވެ ވަޑައިގަންނަވާފަ އެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.