ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޔާމީނަށް މިވަގުތު ކަފާލާތު މުހިންމެއް ނޫން: ޖަމީލް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިވަގުތު ކަފާލާތު މުހިންމު ނޫން ކަމަށް އެމަނިކުފާނުގެ އިސް ވަކީލް އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތު ދަށުން ދޫކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެންނެވެ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ކުރުމަކީ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލަން ކުރި ކަމެއް ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލި މައްސަލާގައި ހިމެނޭ ފައިސާއަކީ މިހާރުވެސް ފެންނަން ހުރި އަދި ދައުލަތުން ބޭނުންވެއްޖެ ހިނދެއްގައި ނެގޭ ގޮތަށް ހުރި ފައިސާ ކަމަށާ މިފަދަ ހާލަތެއްގައި އެމަނިކުފާނުގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ.

އަދި ދައުލަތުން މިއަދު އަމަލު ކުރި ގޮތުންވެސް މި މައްސަލާގައި އޮޅުވާލުން ހުރި މިންވަރު ހާމަވާ ކަމަށެވެ.

"މިއަދުގެ އެންމެ ފަހު ވަގުތުގަވެސް ދައުލަތުގެ ސްޓޭންޑް ބަދަލުވެގެން ހިނގައްޖެ. ކުއްލިއަކަށް މިއަދު ވިދާޅުވެއްޖެ ރައީސް ޔާމީންގެ އެކައުންޓަށް ވަނީ ސީދާ ވޮޑަމުއްލާގެ ފައިސާ ކަމަށް. މިއީ މިއަދާ ހަމައަށް ދައުލަތުން ދެއްކި ވާހަކައެއް ނޫން. އެހެންވީމަ ދައުލަތުން މަސައްކަތް ކުރަމުން މިދަނީ އެންމެ ފަހު ވަގުތުވެސް މި މައްސަލަ އޮޅުވާލަން،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް މިވަގުތު ކަފާލާތު މުހިންމު ނޫން ކަމަށެވެ. ކަފާލާތުގެ އުސޫލަކީ މަތީ މަރުހަލާއިން ހުކުމް ބަދަލުވާނެ ހާލަތެއް ނެތްކަން ނުވަތަ އޮތްކަން ކަށަވަރު ކުރުމަށް އޮންނަ އުސޫލެއްް ކަމަށް ޖަމީލް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ޖަލު ބަންދަށް 600 އަށް ވުރެ ގިނަ ދުވަސްވީއިރު ކަފާލާތު ހަގީގީ މުއާލާމަތް މިހާރު ކެނޑިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ސުޕްރީމް ކޯޓްގައި ކަފާލާތަށް އެދުނީ ކަފާލާތުގެ ހަގީގީ އުސޫލެއް ގާއިމު ކުރުން މުހިންމުވުމުން ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ހައިކޯޓް މަރުހަލާގައި ކަފާލާތާމެދު ގޮތް ނިންމީ ދޮގު ވާހަކަތަކެއްްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ މުވައްކިލަށް ހަގީގަތުގައި މިވަގުތު ކަފާލާތު މުހިންމެއް ނޫން. އޭގެ ސަބަބަކީ މިހާރު އެމަނިކުފާނު ޖަލުގައި 600އެއްހާ ދުވަސް ހޭދަކޮށްފި. އެހެންވީމަ ކަފާލާތުގެ ހަގީގީ މުއާލާމަތް މިހާރު ކެނޑިއްޖެ. ކަފާލާތު އަޅުގަނޑުމެން އޭރު ހައިކޯޓްގައި އެދުނީ އެ ވަގުތު މުހިންމުވާތީ،" ޖަމީލް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ އަދިވެސް ރައީސް ޔާމީނަށް ކަފާލާތު ދިނުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖޫރިމަނާގެ ހުކުމް ތަންފީޒު ކުރުން ސުޕްރީމް ކޯޓުން ފަސްކުރަން އެންގި އެންގުމަށް ޖަމީލް ތައުރީފު ކުރެއްވިއެވެ. ޕްރީމް ކޯޓުން މިއަދު ނިންމާފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް ދެވެން ނެތް ނަމަވެސް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ދެއްކުރުން ފަސްކޮށް ދިނުމަށެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އަމުރުގައި ވަނީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި ރައީސް ޔާމީންގެ ޖޫރިމަނާ އާއި ގުޅޭ އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދިއުމުގެ އަމުރު ކުރާ ކަމަށެވެ.

"އަޅުގަނޑުމެން މައިގަނޑުކޮށް ބޭނުންވި ކަންކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ފަރުވާ ދެއްވާފައި،"

ޖަމީލް މިއަދުވެސް ވިދާޅުވީ އިންސާފުވެރި ޝަރީއަތަކުން ރައީސް ޔާމީންގެ މައުސޫމްކަން ސާބިތުވާނެ ކަމަށެވެ.