މުޒާހަރާ

ޑިމާންޑުތައް ހާސިލް ނުވެ މުޒާހަރާ ނިންމާލައިފި

  • އެމްޑީޕީ އިން ބުނަނީ މުޒާހަރާ ކާމިޔާބުކަމަށް
  • ލަފާކުރި އަދަދާ ކައިރިއަށް ވެސް މީހުން ބައިވެރިނުވޭ
  • ދެން އަޅާނެ ފިޔަވަޅެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމަނީ

އެމްޑީޕީގެ ފަރާތުން ސަރުކާރަށް ހުށަހެޅި އެއްވެސް ޑިމާންޑެއް ހާސިލްނުވެ އެމްޑީޕީ އިން "މިިންޖުވާން" ގެ ނަމުގައި ބޭއްވި މުޒާހަރާ ނިމިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރުން ފެށިގެން އެމްޑީޕީ އިން 73 ގަޑިއިރާއި 13 މިނެޓަށް ކުރިއަށް ގެންދިޔަ މިންޖުވާން މުޒާހަރާ ނިންމާލީ މިއަދު ހަވީރު 5:43 ގަ އެވެ. އެމްޑީޕީ އިން ބުނެފައި ވަނީ އެ ޕާޓީ އިން ސަރުކާރަށް ހުށަހެޅި ތިން ޑިމާންޑް ވެސް 73 ގަޑިއިރު ތެރޭގައި ސަރުކާރަށް ފުއްދޭނެ ކަމަށެވެ. އެހެން ބުނި ނަމަވެސް އެޕާޓީ އިން އެދުނު އެއްވެސް ކަމެއް ސަރުކާރުން ކޮށްދީފައެއް ނުވެ އެވެ. 

އެމްޑީޕީގެ ޑިމާންޑު ތަކަކީ:

  • ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުން.
  • ކުރީގެ މިނިސްޓަރު ނާޒިމާއި އިމްރާނާއި އެ ނޫން ވެސް 1700 އަށް ވުރެ ގިނަ މީހުންނަށް ކުރެވޭ ތުހުމަތުތަކާއި ޑރ. އަފްރާޝީމާއި
  • ރިލްވާންގެ މައްސަލަ ރަނގަޅަށް ތަހުގީގުކުރުން.
  • ކޮރަޕްޝަން ހުއްޓުވައި ގައުމު ހަމަ މަގަށް އެޅުވުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުން.

މުޒާހަރާ ނިންމާލުމުގެ ގޮތުން އާޓިފިޝަލް ބީޗްގައި މިއަދު ބޭއްވި ހަރަކާތްތަކުގައި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މިމުޒާހަރާ އަކީ މި ގައުމުގައި މިހާގިނަ ވަގުތަކަށް ސުލްހަވެރިކަމާއެކު ގިނަ ރައްޔިތުން ބައިވެރިވެގެން ކުރިޔަށް ގެންދިޔަ ފުރަތަމަ މުޒާހަރާ ކަމަށާއި މި މުޒާހަރާގައި ފުލުހުން ވަރަށް ގިނަ ގޮތްގޮތަށް އުންދަގޫތަކެއް ކުރިމަތި ކުރުވި ކަމަށެވެ.

"މިއީ ދައުލަތުގެ އެންމެ ބޮޑު ފިއްތުންތަކާއި އެކު ކުރިޔަށް ދިޔަ މުޒާހަރާ. އެހެން ނަމަވެސް މި މުޒާހަރާއިން އަންގާދެނީ ކިތަންމެ ގޮންޖެހުމެއް އޮތަސް އަޅުގަނޑުމެންގެ ހަރަކާތްތަކެއް ނުހުއްޓާނަން ކަމަށާއި އަދި އަޅުގަނޑުމެންގެ މަގުސަދު ހާސިލް ވަންދެއް އަބަދުވެސް ދާނީ ކުރިޔަށް ކަން. އެހެން ކަމުން މިފަދަ މުޒާހަރާތަށްކުރިޔަށް އޮތްތާވެސް ބާއްވާނަން،" އިންތި ވިދާޅުވި އެވެ.

މިންޖުވާން މުޒާހަރާ ނިންމާލައިފާވަނީ މުޒާހަރާގައި ހުރިހާ ބައިވެރިން ފޮތިގަނޑެއްގައި އެމީހެއްގެ ހިޔާލު ލިޔެ ސޮއިކުރުމަށް ފަހު އެވެ. އަދި މުޒާހަރާ ނިންމާލާފައި ވަނީ، "އަނިޔާވެރިކަމުން ސަލާމަތްކޮށްދިނުމަށް އެދި" މަގުމަތީގައި މަޑުކޮށް ދުއާ ކުރުމަށް ފަހު އެވެ. މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުމެ ދުއާކުރި ނަމަވެސް ފުލުހުން އެކަމަކަށް އެއްވެސް ހުރަހެއް ނާޅައެވެ.

އިމްތިޔާޒު ވިދާޅުވެފައި ވަނީ އެމްޑީޕީގެ މުޒާހަރާއަށް ފަހު ދެން އެ ޕާޓީ އިން ބާއްވާނެ ހަރަކާތްތަކާ މެދު، ގައުމީ މަޖިލީހުގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެ ކަމަށެވެ. އަދި ނަޝީދު މިނިވަން ކުރުމަށް ގެންދާ ހަރަކާތްތައް މި ނިމުނީ ނޫން ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.

އެމްޑީޕީ އިން ކުރި ޑިމާންޑް ތަކަށް ސަރުކާރުން ބުނެފައި ވަނީ ރައީސް ނަޝީދު ދުލެއް ނުުރާނެ ކަމަށެވެ. އަދި ކުރީގެ މިނިސްޓަރު މުހައްމަދު ނާޒިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި އެހެން ވެސް ކުށްވެރިންގެ މައްސަލައަކީ ސަރުކާރާ ބެހުމެއް ނެތް ޝަރުއީ ދާއިރާގެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ރިލްވާންގެ މައްސަލަ އާއި އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ތަހުގީގު ހުއްޓާނުލައި ކުރިއަށް ދާނެ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން ސަރުކާރުން ވަނީ އެމްޑީޕީ އިން މަޝްވަރާ ކުރަން ބޭނުން ނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ.