ރައްޔިތުންގެ މަޖިލިސް

ކޮމިޓީތަކަށް ޖާގަދޭން މަޖިލިސް ޖަލްސާ ކުރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ޖާގަ ދޭން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރު ކޮށް ނިންމާލައިފި އެވެ.

އާންމުކޮށް މަޖިލީހުގެ ޖަލްސާތައް ހެނދުނު 9:00 އިން މެންދުރު 1:00 ޖެހުމާ ހަމައަށް ގެންދިޔަ ނަަމަވެސް މިއަދު ޖަލްސާ ކުރިއަށް ދިޔައީ އެންމެ 22 މިނެޓަށެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔައީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސް އެކަންޏެެވެ. ތިމާވެށި ރައްކާތެރިކުމާ ގުޅޭގޮތުން އެންވަޔަމަންޓް ކޮމިޓީން ދިރާސާކޮށް ނިންމި ބިލަށް ބަހުސް ކުރަން ހުޅުވާލި ނަމަވެސް އެއްވެސް މެމްބަރަކު ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

އެހެންވެ މަޖިލީހުގެ ޖަލްސާ ނިންމާލަން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނާއިބު ރައީސް އީވާ އަބްދުﷲ ނިންމެވި އެވެ.

އެކަމަނާ ވިދާޅުވީ ކޮމިޓީތަކުގައި މިވަގުތު ވަރަށް މުހިންމު 31 ބިލެއް އެބަ އޮތް ކަމަށާއި އޭގެ ތެރޭގައި މަޖިލީހުގެ މި ދައުރުގެ ކުރިން ނިންމަން ޖެހޭ ބިލުތައް ވެސް ހިމެނޭ ކަމަށެވެ. އެހެންވެ ކޮމިޓީތަަކަށް ވީހާވެސް ބޮޑަށް ޖާގަ ދެއްވަން ބޭނުންވާތީ ޖަލްސާ ކުރުކޮށްލަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ.

ކޮމިޓީތަކަށް ޖާގަ ދޭން ކަމަށް ވިދާޅުވެ ޖަލްސާ ކުރުކޮށްލި ނަމަވެސް މިއަދު އޮތީ ހަތަރު ކޮމިޓީ އެކެވެ. އެންމެ ފަހު ކޮމިޓީއަކަށް ޖުޑިޝަރީ ކޮމިޓީ އެޖެންޑާ ކުރިއިރު އެ ކޮމިޓީ ތާވަލުކޮށްފައި އޮތީ 12:30 ގައި ފަށާ ގޮތަށެވެ. އެހެން ނަމަވެސް އާންމުކޮށް މަޖިލީހުގެ ކޮމިޓީތައް ހަވީރު ވަންދެން އެޖެންޑާ ކުރެއެވެ. އަދި އާންމުކޮށް ކޮންމެ ދުވަހަކު އެވްރެޖްކޮށް ހަ ކޮމިޓީ ވަރު ބާއްވަ އެވެ.