ހަބަރު

އަންހެންކުދިން ހޭލުންތެރިކުރުމަށް ވީޑިއޯ ކްލިޕްތަކެއް ނެރެފި

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާ ކޮލަމްބޯގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަން ގުޅިގެން އަންހެންކުދިން ބާރުވެރިކުރުމުގެ މަގުސަދުގައި އެވެއާނެސް ވީޑިއޯ ކްލިޕް ތަކެއް ނެރެފި އެވެ.

އިއްޔެ ނެރުނު ވީޑިއޯ ކްލިޕްތަކަކީ އަންހެންކުދިން ހޭލުންތެރިކުރުމަށް ޓީވީއާ ރޭޑިއޯ މެދުވެރިކޮށް އާންމު އިއުލާންތަކެއްގެ ގޮތުގައި އާންމުންނާ ހިއްސާކުރުމަށް ތައްޔާރުކޮށްފައިވާ ވީޑިއޯތަކެކެވެ. ނެރުނީ ތިން ވީޑިއޯ ކްލިޕާ ހަތަރު އޯޑިއޯ ކްލިޕެވެ.

ކްލިޕްތައް އިފްތިތާހުކޮށްދެއްވީ މޫކައ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އިރްތިޝާމް އާދަމް އެވެ.

ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އަންހެނުން ބާރުވެރިކޮށް، އަންހެނުންނަށް އޮތް މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވައުދެއް ކަމަށެވެ. އެގޮތުން މި ސަރުކާރުން އަންހެނުންނަށް ހައްގުތައް ކަށަވަރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި، އަންހެން ކުދިންނަށް އެކުދިންގެ އަމިއްލަ ކަންކަން ނިންމުމުގެ އިޚްތިޔާރު ދިނުމާ އެކު ތައުލީމު ދިނުމަކީ މުޖުތަމައި ހަރުދަނާވާން އެޅޭ މުހިއްމު ފިޔަވަޅެކެވެ. އަންހެންކުއްޖަކު ކިޔަވައިގެން ހަރުދަނާ ވެއްޖެނަމަ އެ އަންހެނެއްގެ ފަރާތުން ތައުލީމީ ހޭލުންތެރި ޖީލެއް ބިނާވުމުގެ ފުރުސަތު ފަހިވެއެވެ.

އާކްގެ މެނޭޖިން ޑިރެކްޓަރު ހައުލާ އަހުމަދު ދީދީ ވިދާޅުވީ، އަންހެންކުދިން ތައުލީމީ ބަޔަކަށް ހަދައި މިނިވަން ބަޔަކަށް ހެދުމަށް ބެލެނިވެރިންގެ އެއްބާރުލުން މުހިއްމު ކަމަށެވެ. އެގޮތަށް ކަންކަން ކުރެވޭނީ އަންހެންކުދިންނަށް އިސްކަންދީ، އެކުދިންގެ ޝަކުވާތައް އަޑު އަހައިގެން ކަމަށް ވެސް ހައުލާ ވިދާޅުވި އެވެ.

ނެރުނު ވީޑިއޯ ކްލިޕްތަކަކީ، ސްކޫލްތަކުގެ އަންހެންކުދިން ހޭލުންތެރިކުރަން އާކްއިން ފަށާފައިވާ "ގްރޭސް" ކެމްޕޭނުގެ ދަށުން ނެރުނު ވީޑިއޯ ތަކެކެވެ. އެ ކެމްޕޭނުގެ ދަށުން މިދިޔަ މަހު އަހުމަދިއްޔާގެ 11 އަދި 12 ގެ ދަރިވަރުންނަށް ވެސް ވަނީ ވޯކްޝޮޕެއް ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ކޮލަމްބޯގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަންގެ ސައުތު އޭޝިއާ ޑިޕާޓްމަންޓްގެ ހެޑް ލޯރާ ކްލާކް އާއި އެ ކޮމިޝަނުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެެވަޑައިގެންނެވި އެވެ.