އަބްދުﷲ ޝާހިދު

ޝާހިދަށް ނިޝާން އިއްޒުއްދީންގެ އިއްޒަތް އަރުވައިފި

އދ. ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ.) ލަގަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އަރުވައިފި އެވެ.

އެމަނިކުފާނަށް މި ޝަރަފު އަރުވާފައިވަނީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މިނިސްޓަރު ޝާހިދަށް މިރޭ އެރުވި ލަގަބު ނިސްބަތް ވަނީ އެމަނިކުފާނުގެ ހަވަނަ ކާފާފުޅަށެވެ. ނިޝާނުގެ އިއްޒަތަކީ އެމީހެއްގެ ގައުމީ ހިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްއަގްވާމީ ހިދުމަތް ވަޒަން ކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ނިސްބަތް ކުރެވެނީ، އައްސުލްތާނުލްޣާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުންނަށެވެ.

ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ.) ލަގަބު އެރުވުމުގެ ކުރީން އެމަނިކުފާނުގެ ގައުމީ ހިދުމަތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ ރިޕޯޓެއް ވަނީ ގެނެސްދީފައެވެ. އެ ރިޕޯޓްގައި ޝާހިދުގެ ގައުމީ ހިދުމަތާއި އެމަނިކުފާނު އަދާކުރެއްވި އެކި މަގާމުތަކާއި ގުޅޭ މައުލޫމާތު ގެނެސްދީފައިވެއެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރައީސް ކަމަށް ހޮވިވަޑައިގަތުމާއި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވެކްސިން ހޯދުމާއި ބޭރުގެ އެހީތެރިކަން ހޯއްދެވުމަށް ޝާހިދު ކުރެއްވި މަސައްކަތްޕުޅު ވަނީ ފާހަގަ ކޮށްފައެވެ.

އަބްދުﷲ ޝާހިދުގެ ކުރު ތައާރަފެއް
ދަރަވަންދޫގޭ މޫސާ ޖަމީލްގެ އަބްދުﷲ ޝާހިދު ނިސްބަތްވެ ވަޑައިގަންނަވަނީ ދިވެހި އަދަބާއި ސިޔާސަތުގެ އާއިލާއަކަށެވެ. ޖީލުލް އުސްތާޒު މުހައްމަދު ޖަމީލު ދީދީއަކީ މިނިސްޓަރުގެ ބޮޑުބޭބެ އެވެ. ރިހި ދުލުގެ ވެރިޔާ އިބްރާހިމް ޝިހާބަކީ ޝާހިދުގެ ބައްޕައާ ދެބެންގެ ދެދަރި ބޭފުޅެކެވެ. އޭގެ ފަހަށް ޝާހިދު ވަނީ މޮޅަށް ކިޔަވާ ވިދާޅުވެ އަދި މަތީ ތައުލީމް ހާސިލް ކުރައްވާ ރާއްޖޭގައި ވާހަކަ ދެއްކުމުގެ ގައުމީ ފުރަތަމަ އަދި ތާރީހީ މުބާރާތުން އެއްވަނަ ހޯއްދަވާފަ އެވެ.

ސްކޫލް ނިންމެވި ގޮތަށް އަބްދުﷲ ޝާހިދު ފުރަތަމަ ވަދެވަޑައިގެންނެވީ ވެސް ފޮރިން މިނިސްޓްރީއަށެވެ. އޮފީހުގެ "ޕިއޯނު" ކަމާއި ސިޓީ ޗާޕް ކުރުމާއި ފޮށިތަންމަތި ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ. ރާއްޖޭގެ ހާރިޖީ ހަރުގަނޑުގެ އެންމެ ތިރިން މައްޗަށް ވަޑައިގެންނެވިއިރު މިހާރު އެއީ ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ އަދި ތަޖުރިބާކާރު ޑިޕްލޮމޭޓެވެ. ފޮރިން މިނިސްޓްރީ އަތުރާލާފައިވާ ގޮތާއި މެނޭޖްކުރާ ގޮތް ޝާހިދު ހިތުދަހެވެ. ފޮރިން މިނިސްޓްރީގެ އިންސްޓިޓިއުޝަނަލް މެމޮރީއަކީ ނޫނީ މުޅި މިނިސްޓްރީގެ ވަތުއޮޑިއަކީ ވެސް ޝާހިދެވެ. ހުުރިހާ ޒަމާނެއްގައި އުޅުއްވި ބޭފުޅުންނާއި މިހާރުގެ މުވައްޒަފުންގެ ޝުއޫރުތަކާއި އިހުސާސާއި ގޮތް ފޮތް ޝާހިދަށް ރީއްޗަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ކަން ދެ ފަހަރަށް ކުރައްވާފައިވާ ހަމައެކަަނި ބޭފުޅަކީ ޝާހިދެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި އެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.

އަބްދުﷲ ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައެޅުއްވީ، އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެންނެވެ. އަދި އެ މަގާމަށް އެމަނިކުފާނު ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން އިންތިހާބުވެވަޑައިގަތުމަކީ، ދިވެހިރާއްޖެއަށް އެ މަނިކުފާނު ހޯއްދަވައިދެއްވި ފަހުރަކާއި ޝަރަފުވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.

ހަމައެއާއެކު، ރާއްޖޭގެ ހާރިޖީ ދާއިރާއަށް އެ މަނިކުފާނު ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ބައިނަލްއަގްވާމީ މުޖުތަމައުން ނުހަނު އިތުބާރާއެކީ ބަލައިގަނެފައިވާ ކަމުގެ އަލިގަދަ ހެތްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީއެވެ. އަދި ރާއްޖޭގެ ހާރިޖީ ދާއިރާގެ ކުރިއެރުމަށާއި ރާއްޖޭގެ ރީތި ނަން ބައިނަލްއަގްވާމީ މައިދާނުގައި ދެމެހެއްޓެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންވެސް މެއެވެ.

ޝާހިދު ރާއްޖޭގެ ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަން ފެށްޓެވީ، 1983 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. އެ ހިދުމަތް އެމަނިކުފާނު ފެށްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އަބްދުﷲ ޝާހިދު، މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ކަމުގެ މަގާމަށް އައްޔަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އެމަނިކުފާނު އައްޔަން ކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެފަހުން، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ރިޔާސީ ދައުރު ނިމެންދެން، އެ މަގާމުގައި ދެމިހުންނެވިއެވެ.

އަބްދުﷲ ޝާހިދުގެ ހާރިޖީ ވަޒީރު ކަމުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ދުނިޔޭގެ ގައުމުތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އިތުރަށް ފުޅާކުރެއްވުމުގެ މަސައްކަތްޕުޅެވެ. މިގޮތުން، އެމެރިކާ އާއި ޗައިނާ އާއި ޖަޕާން އާއި ސައުދީއަރަބިޔާ އާއި ޔޫއޭއީ އާއި ބަންގްލަދޭޝް އާއި ޕާކިސްތާނު އަދި ސިންގަޕޫރުގައި ދިވެހި އެމްބަސީ ހުޅުވުން ހިމެނެއެވެ.