ބޮލީވުޑް

"ތުމް ބިން"ގެ ދެވަނަ ފިލްމެެއް އުފައްދަނީ

Dec 1, 2015

"ތުމް ބިން" ރިލީޒްކުރިތާ 14 އަހަރު ފަހުން މިފިލްމުގެ ސީކުއެލް އެއް އުފައްދަން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު އަނޫބަވް ސިންހާ ބުނެފި އެވެ.

ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެގެން ގޮސްފައިވާ ލޯބީގެ މިފިލްމުގެ ދެވަނަ ބައެއް އުފައްދަން ނިންމީ ފޭނުންގެ އެކަމަށް އެދެމުން އަންނަވަރުން ކަމަށް އަނޫބަވް ވަނީ ބުނެފަ އެވެ.

އިތުރަށް އަނޫބާވް ވަނީ ފޭނުންގެ އިތުރުން ޕްރޮޑިއުސަރު ބުޝަން ކުމާރު ވެސް މިފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް އެދެމުން އަންނަ ކަމަށެވެ.

"ބެލުންތެރިން އަބަދު އާދޭސްކުރަމުން އަންނަނީ "ތުމް ބިން"ގެ ދެވަނަ ބައެއް އުފެއްދުމަށް. ހަގީގަތުގައި މިފިލްމުގެ ދެވަނަ ބައެއް ހެދުމަށް އަހަރެންގެ އަތަކު ނެތް ވާހަކައެއް. ނަމަވެސް ވޭތުވެދިޔަ ހައެއް އަހަރުން ފެށިގެން ބެލުންތެރިންނާއި ޕްރޮޑިއުސަރު ބުޝަން އާދޭސްކުރާވަރުން ދެވަނަ ބައެއް އުފައްދަން ނިންމީ" އަނޫބަވް ބުނެފައިވެ އެވެ.

ދެވަނަ ބައި އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުނަމުން އަނޫބަވް ވަނީ މިހާރު ފިލްމު އުފައްދާނެ އޭނާ ވަރަށް ހިތްހަމަޖެހޭ ވާހަކައެއް ލިބިއްޖެ ކަމަށެވެ.

"ލޯބީގެ ފިލްމެއް ނުއުފައްދާތާ މިހާރު ވަރަށް ދުވަސްވެއްޖެ. މިފިލްމު އުފައްދާތީ މިހިރީ ވަރަށް އުފަލުން" އަނޫބަވް ބުނެފައިވެ އެބވެ.

އިތުރަށް އަނޫބަވް ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް އަދި ފިލްމުގެ ލީޑްރޯލުތަކުން ފެނިގެންދާނެ ތަރިން ހަމަނުޖައްސާކަމަށް ބުނެފަ އެވެ.

ދެހާސް އެއްވަނަ އަހަރު ނިކުތް "ތުމް ބިން" އަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބުވި ފިލްމެއްގެ އިތުރުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއްވެސް ލިބިގެންގޮސްފައިވާ ފިލްމެކެވެ.

މިފިލްމުގެ މުހިންމު ރޯލަުތަކުން ފެނިގެން ގޮސްފައިވަނީ ޕްރިޔާންޝޫ ޗެޓަރްޖީ އާއި ހިމާންޝޫ މަލިކް އާއި ސަންދާލީ ސިންހާގެ އިތުރުން ރާކޭޝް ވަޝިސްތް އެވެ.