ވޯލްޑް ބޭންކް

ރާއްޖޭގެ އިގްތިސާދު ރަނގަޅު ވާނީ 2023 ގައި: ވޯލްޑް ބޭންކު

Oct 7, 2021

ކޮވިޑުގެ ކުރީގައި ރާއްޖެ އޮތް އިގްތިސާދީ ހާލަތަށް އަނބުރާ އަންނާނީ 2023 ވަނަ އަހަރު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން އާންމުކޮށްފައިވާ އިގްތިސާދީ އަޕްޑޭޓް ރިޕޯޓުގައި ބުނެފައިވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ 22 ޕަސަންޓަށް ކަމަށެވެ. އެކަމަކު އެވަރުގެ ކުރިއެރުމެއް އިގްތިސާދަށް އަންނާނީ 1.1 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްގެން ކަން ފާހަގަކޮށްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އަހަރު ނިމޭއިރު 1.3 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް މިހާރު ބެލެވެ އެވެ.

ވޯލްޑް ބޭންކުން ބުނީ ކޮވިޑާ ގުޅިގެން ގައުމުތަކުން ދޭ ލުއިތަކާއި އެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއްވަރެއްގައި ހިފަހައްޓައިފިނަމަ އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 11 ޕަސެންޓަށް ކުރިއަރާނެ ކަމަށެވެ.

ރާއްޖޭގެ ފަގީރުންގެ ނިސްބަތް ވެސް އަންނަ އަހަރު ދައްކުރެވޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވެ އެވެ. އެގޮތުން މިހާރު 9.1 ޕަސަންޓުގައި ހުރި އަދަދު އަންނަ އަހަރު 4.3 ޕަސެންޓަށް ދައްކުރެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ވޯލްޑް ބޭންކުން ރާއްޖެ އަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ ބޮޑެތި ކާރިސާތަކަށް ތައްޔާރުވުމުގެ ގޮތުން މާލީ ކަންކަން ބެލެހެއްޓުން ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި ދަރަނި ކުޑަކޮށް އިގްތިސޯދު ފުޅާކުރުމަށް ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ރާއްޖެ އިގްތިސާދީ ހާލަތު ރަނގަޅުވެ ކުރީގެ ހާލަތަށް އަންނާނީ 2023 ވަނަ އަހަރު ކަމަށް ފިނޭންސް މިނިސްޓަރު ވެސް ވަނީ ވިދާޅުވެފަ އެވެ.