އެމްޑީޕީ

އެމްޑީޕީން ޝާހިދަށް މަރުހަބާ ދަންނަވައިފި

އ.ދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަރުހަބާ ދަންނަވައިފި އެވެ.

ޝާހިދަށް މަރުހަބާ ދަންނަވާ އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމަނިކުފާނަށް އިއްޒަތުގެ އެ ލަގަބު އަރުވާފައިވަނީ އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައިވުމާއި އަދި ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް އިހްތިރާމާއި އިތުބާރު ހޯއްދަވައިދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖޭގެ ހާރިޖިއްޔާއަށާއި ދައުލަތަށް ގިނަ އަހަރުތަކަކަށް ކޮށްދެއްވާފައިވާ، އަދި ކޮށްދެއްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅު ފާހަގަ ކުރައްވާ ކަމަށެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދަށް ދައުތުން އަރުވާ އެންމެ މަތީ ޝަރަފު ލިބިވަޑައިގަތުމާއި އަދި އ.ދ ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެން އެ މުހިއްމު ދައުރު ގާބިލުކަމާއެކު އަދާކުރައްވަމުން ގެންދަވާކަމީ އެމްޑީޕީއަށް ވެސް ލިބުނު ނުހަނު ބޮޑު ޝަރަފެއް ކަމަށްވެސް ބުނެފައިވެއެވެ.

އަބްދުﷲ ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައެޅުއްވީ، އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެންނެވެ. އަދި އެ މަގާމަށް އެމަނިކުފާނު ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން އިންތިހާބުވެވަޑައިގަތުމަކީ، ދިވެހިރާއްޖެއަށް އެ މަނިކުފާނު ހޯއްދަވައިދެއްވި ފަހުރަކާއި ޝަރަފުވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.

ހަމައެއާއެކު، ރާއްޖޭގެ ހާރިޖީ ދާއިރާއަށް އެ މަނިކުފާނު ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ބައިނަލްއަގްވާމީ މުޖުތަމައުން ނުހަނު އިތުބާރާއެކީ ބަލައިގަނެފައިވާ ކަމުގެ އަލިގަދަ ހެތްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީއެވެ. އަދި ރާއްޖޭގެ ހާރިޖީ ދާއިރާގެ ކުރިއެރުމަށާއި ރާއްޖޭގެ ރީތި ނަން ބައިނަލްއަގްވާމީ މައިދާނުގައި ދެމެހެއްޓެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންވެސް މެއެވެ.

ޝާހިދު ރާއްޖޭގެ ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަން ފެށްޓެވީ، 1983 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. އެ ހިދުމަތް އެމަނިކުފާނު ފެށްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އަބްދުﷲ ޝާހިދު، މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ކަމުގެ މަގާމަށް އައްޔަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އެމަނިކުފާނު އައްޔަން ކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެފަހުން، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ރިޔާސީ ދައުރު ނިމެންދެން، އެ މަގާމުގައި ދެމިހުންނެވިއެވެ.

އަބްދުﷲ ޝާހިދުގެ ހާރިޖީ ވަޒީރު ކަމުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ދުނިޔޭގެ ގައުމުތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އިތުރަށް ފުޅާކުރެއްވުމުގެ މަސައްކަތްޕުޅެވެ. މިގޮތުން، އެމެރިކާ އާއި ޗައިނާ އާއި ޖަޕާން އާއި ސައުދީއަރަބިޔާ އާއި ޔޫއޭއީ އާއި ބަންގްލަދޭޝް އާއި ޕާކިސްތާނު އަދި ސިންގަޕޫރުގައި ދިވެހި އެމްބަސީ ހުޅުވުން ހިމެނެއެވެ.