ރާއްޖޭގައި ހާޑްވެއާގެ ވިޔަފާރީގައި ތިރީސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އޭއެޗް ބްރަދާސް އިން ގެއަށް ބޭނުންވާ އާއްމު މުދާ ލިބޭނެ ފިހާރައެއް ހުޅުވައިފި އެވެ.
އޭއެޗް ބްރަދާސް ސޭލްސް ސެންޓަރު" ގެ ނަމުގައި މަޖީދީމަގު ކުރީގެ ކަލާސް ކައިރީގައި މިއަދު މި ފިހާރަ ހުޅުއްވައި ދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން ހަސަން މަނިކު އެވެ.
އޭއެޗް ބްރަދާސްގެ ހާޑްވެއާ ފިހާރަތަކުގައި މިހާރު ވެސް ލިބެން ހުރި އާއްމުކޮށް ގޭގެ އަށް ބޭނުންވާ ބައެއް ސާމާނާއި އަލަށް ގެނެސްފައިވާ ތަކެތި ހިމެނޭ ގޮތަށް ހުޅުވި މި ފިހާރާގައި ގޮނޑިއާއި މޭޒުގެ އިތުރުން ބަދިގެ އަށް ބޭނުންވާ ސާމާނު ލިބެން ހުރެ އެވެ. މީގެ އިތުރުން ގޭތެރޭގެ ފަސޭހަކަމަށް ބޭނުންވާ ގިނަ ބާވަތް ތަކެއްގެ މުދާ ވެސް މި ފިހާރަ އިން ލިބެން ހުރެ އެވެ.
އަލަށް ހުޅުވި މި ފިހާރައާ ބެހޭ ގޮތުން އެ ކުންފުނީގެ ސީނިއަ އޮފިޝަލަކު އަވަސް އަށް މިއަދު ވިދާޅުވީ ހާޑްވެއާގައި 30 އަހަރު ހަރަކާތްތެރިވުމަށްފަހު ހޯމް އައިޓަމް އަށް ފިހާރައެއް ހުޅުވުމުގެ މަގުސަދަކީ ކަސްޓަމަރުންނަށް ފަސޭހައިން މުދާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އަދި އެ ކުންފުނިން ވިއްކާ ހުރިހާ މުދަލަކީ ވެސް ހެޔޮވެފައި ފެންވަރު ރަނގަޅު ތަކެތިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ހާޑްވެއާ އައިޓަމްސްއަކީ ވަރަށް ބައިވަރު އެއްޗިހި. އެހެންވެ މި ހުރިހާ މުދަލެއްލައިގެން ޑިސްޕްލޭ ކުރަން ދަތިވޭ. އެހެންވެ ހާއްސަކޮށް ހޯމް އައިޓަމްސް އަށް މި ފިހާރަ ހުޅުވީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭއެޗް ބްރަދާސް އިން އަލަށް ހުޅުވި ފިހާރަ އިން ތަކެތި ގަތުމުން ޑެލިވަކޮށް ދިނުމުގެ ހިދުމަތް ވެސް ދެ އެވެ. ދެ ބުރިއަށްވާ ގޮތަށް ހަދާފައިވާ މި ފިހާރާގައި މުދާ އަތުރާފައިވަނީ ކަސްޓަމަރުންނަށް ފަސޭހައިން ބޭނުންވާ މުދާ ހޯދޭނެ ގޮތަކަށެވެ.
އޭއެޗް ބްރަދާސް ހާޑްވެއާގެ ވިޔަފާރި އަށް ނުކުމެ މި ވިޔަފާރި އުފައްދާފައިވަނީ 1991 ވަނަ އަހަރު އެވެ. އަދި މިހާރު އެ ކުންފުންޏަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ސޯލް ޑިސްރިބިއުޓަރުކަން ކުރާ ކުންފުންޏެކެވެ. އެ ކުންފުން ސޯލް ޑިސްރިބިއުޓާޝިޕް ނަގާފައިވާ ޕްރޮޑަކްޓްތަކުގެ ތެރޭގައި ޝީޓްރޮކްސް އާއި ގްރީންލޭންޑް ފަދަ ބްރޭންޑުތައް ހިމެނެ އެވެ. އަދި އެ ކުންފުނިން މާލޭގައި ތިން ފިހާރަ އަދި ހުޅުމާލޭގައި ވެސް ފިހާރައެއް ހިންގަ އެވެ.