މައިކުރޯސޮފްޓުން އަމިއްލަ އަށް އުފައްދަން ފެށި ޓެބްލެޓް (ސާފަސް ޕްރޯ) އަދި ބައިކުޅަބައި ލެޕްޓޮޕް (ސާފަސް ބުކް)ގެ ފިސާރި ރަނގަޅަށް ވައިގަ ހިފައިފިއެވެ. އެޕަލް އައިޕެޑްގެ ވިޔަފާރިއަށް ކުރިން ނުރައްކާ ކުރަމުން އައި އެންޑްރޮއިޑް ޓެބްލެޓް ތައް ފަހަތައް ޖައްސާލުމަށްފަހު މައިކްރޯސޮފްޓް ސާފަސް ޕްރޯ އަދި ސާފަސް ބުކް މިވަނީ ކުރި ހޯދާފައެވެ.
މައިކްރޯސޮފްޓް ވިންޑޯސް އޮޕަރޭޓިން ސިސްޓަމް ދުނިޔޭގެ ގިނަ މީހުން ބޭނުން ކުރަނީ ހަމަ އެކަނި ބޭނުން ކުރާމީހުންނާ އޮންނަ ރައްޓެހިކަމަކުން ނޫނެވެ. އަދިވެސް ގިނަ މީހުންނަށް ވިންޑޯސް އޮަޕަރޭޓިން ސިސްޓަމް ދޫކޮށްނުލެވިގެން އުޅެނީ ވިންޑޯސް އާއި އެކު ބޭނުން ކުރާ އޮފީސް ބަންޑެލީީގެ ސަބަބުންޏެވެ.
މިހާރުވެސް ގިނަ ހިސާބްތަކާއި، ސިޓީތައް ލިޔަން ޖެހެނީ މައިކްރޯސޮފްޓް އޮފީސް ވޯޑް އަދި އެކްސެލް ބޭނުން ކޮށްގެންޏެވެ. އެކަމަށް ފަސޭހައަކަށް ގިނަ މީހުން އުޅެނީ ވިންޑޯސް އަޅާފަ ހުންނަ އެކިވަރުގެ ލެޕްޓޮޕްތައް ކޮނޑުގަ އެލުވައިގެންޏެވެ.
އެކިވަރުގެ ބަރު ލެޕްޓޮޕް ތަކުން ގިނަ މީހުންނަށް ސަލާމަށް ނުވެވިގެން އެޅެނީ ވިންޑޯސް އޮޕަރޭޓިން ސިސްޓަމުން ހިންގާ ގިނަ ޓެބްލެޓްތަކުގައި އޮފީސް ޕެކޭޒް އެހާ ފަރިތަކޮން ނުހިންގާތީއެވެ. ނުވަތަ ފަސޭހަ ކީބޯޑެއް ނެތުމާއި އޮފީސް ޕެކޭޖް ހިންގުމުގައި ލަސްކަމެއް ހުރުމެވެ. މައިކްރޯ ސޮފްޓް ވިންޑޯސްގެ އެންމެ ފަހުގެ އަދަދު ވިންޑޯސް 10 ނިކުތުމާއި އެކު ބޮޑު ބަދަލެއް ގެނައީ މައިކުރޯ ސޮފްޓުން އަމިއްލަ އަށް އުފައްދަންފެށި ސާފަސް ޕުރޯ ޓެބްލެޓް ނުވަތަ ސާފަސް ބުކް ތަކެވެ. ބަލާލަން ހަމަ އެކަނި ރީތީ އެއްނޫނެވެ. ފިސާރި ހަލުއިކަން ވެސް އެބަހުއްޓެވެ. ލެޕްޓޮޕެއްގެ ސިފައިގަ ހުރި ސާފަސް ބުކް ސުކުރީން ނައްޓާލުމަށްފަހު ޓެޕްލެޓަކަށްވެސް ހެދެއެވެ.
ކުރިން މައިކުރޯސޮފްޓަކީ އެޕަލް ކުންފުނި ގޮތަށް އަމިއްލައަށް ގިނަ ހާޑްވެއާތަކެއް އުފެއްދި ބައެއްނޫނެވެ. އެހެނަސް މައިކްރޯސޮފްޓްގެ ސީއީއޯ ކަމަށް އިންޑިޔާ ދަރިކޮޅުގެ ސަތިޔަ ނަޑޭލް އައުމާއި އެކު ކުންފުނި އެފުށް މިފުށަށް މިވަނީ ޖަހާފައެވެ. ވިޔަފާރި ވެސް އެތައް ގޮތަކުން ރަނގަޅުކޮށްފައެވެ. އެޕަލް ކުންފުނީގެ އައިޕެޑް ތަކުގެ ވާދަވެރި އަަކަށްވެސް މިހާރު މައިކްރޯސޮފްޓް ސާފަސް މިވަނީ ވެފައެވެ.
އައިޕެޑް އަދި ޓެޕްލެޓް މާކެޓްގެ 10 ޕަސެންޓް މައިކްރޮސޮފްޓުން ހޯދައިފި ކަމަށް ސްޓްރެޓެޖީ އެނަލިޓިކްސް އިން ބުނެ އެވެ. އެ ކުންފުނިން ލަފާކޮށްފައި ވަނީ މި ހުރި ދުވެލީގައި މައިކްރޯސޮފްޓް ސާފަސް ކުރިއަށްދާނަމަ 2019 ވަނަ އަހަރު އަންނައިރު ޓެބްލެޓް މާކެޓްގެ 18 ޕަސެންޓް މައިކްރޮސޮފްޓަށް ލިބޭނެ ކަމަށެވެ. ޓެޕްލެޓް މާކެޓްގަ މިހާރު ރަސްކަން ކުރަމުން އަންނަ އެޕަލް ކުންފުނީގެ ނުފޫޒު، 2023 ވަނަ އަހަރު މައިކްރޯސޮފްޓާއި ހަމަ ހަަމަ ވެގެން ގޮސްދާނެ ކަމަށްވެސް މިހާރު ވަނީ ލަފާ ކުރެވިފައެވެ.