އުމަރު ނަސީރު

އައިހެވަން މަޝްރޫއުއަށް 14000 މީހުންގެ އާބާދީއެއް އެއްފަސް ކުރަން ޖެހޭ: އުމަރު

އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ އެސްއީޒެޑްގެ މަޝްރޫހު، އައިހެވަން ކާމިޔާބު ކުރުމަށް 14000 މީހުންގެ އާބާދީއެއް އެއްފަސް ކުރަން ޖެހޭކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި ރޭ ބޭއްވި "ތިލައުތުރު އުއްތަމަ އަރުތަވެރިންގެ ޖަލްސާ"ގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ އައިހެވަން މަޝްރޫއު ކާމިިޔާބު ކުރުމަށްޓަކައި އެތަނުގެ ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ތަރައްގީގެ މަސައްކަތްތައް ކުރުމަށް ބޮޑު އާބާދީ އެއް ބޭނުންވާނެ ކަމަށާއި އެގޮތުން އައިހެވަންގެ ދިރާސާ ހެދި އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ) ލަފާކުރާ ގޮތުން 14000 މީހުންގެ އާބާދީއެއް ބޭނުންވާ ކަމަށެވެ.

"އައިހެވަން އަކީ އެއްބިލިއަން ޑޮލަރުގެ އާދަޔާހިލާފަށް ބޮޑު މަޝްރޫއެއް. މިފަދަ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެންނަން މަސައްކަތްކުރާއިރު ކުދި އާބާދީތަކުގެ މީހުން އެބަޖެހޭ ބޮޑެތި އާބާދީ ހުރި ތަންތަނަށް ހިޖުރަކުރަން. އެހެން ކަމުން މިޕްރޮޖެކްޓް ދިރާސާ ކުރިފަރާތަކުން ބުނި ގޮތުގައި ގާތްގަނޑަކަށް 14000 މީހުންގެ އާބާދޭއެއް އެބަ ބޭނުންވެ،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެއްފަސް ސަރުކާރުން އެއްފަސް ކުރުމުގެ ސިޔާސަތު ގެންގުޅުއްވާ އިރު ތަރައްގީ ބޭނުންވާނަމަ އެއްފަސް ވުމަކީ މުހިންމު ކަމެއް ކަމަށާއި އަދި އެއްފަސް ވާން ޖެހެނީ ހަމައެކަނި އައިހެވަން މަޝްރޫއަކަށް ނޫން ކަމަށެވެ.

"އެހެން ނަމަވެސް ސަރުކާރުން އެކަމަކަށް މަޖުބޫރެއް ނުކުރުވާނަން. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުން ތަރައްގީވާ ތަންތަނަށް ރައްޔިތުން އަމިއްލައަށް ހިޖުރަކުރަމުންދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" އުމަރު ވިދާޅުވި އެވެ.

އައިހެވަންގެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުން އުންމީދުކުރަމުންދާ އިރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ އައިހެވަންގެ މަޝްރޫތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާފަ އެވެ.