ފޮރިން މިނިސްޓްރީ

ސާކްގެ ސެކްރެޓަރީ ޖެނަރަލް ރާއްޖެ ވަޑައިގެންފި

Oct 10, 2021

ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޯ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނަރަލް އީސާލާ ރޫވަން ރާއްޖެ ވަޑައިގެންފި އެވެ.

ސްރީލަންކާ އަށް ނިސްބަތްވާ އީސާލް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އީސާލް އަށް ސާކް ގައުމުތަކަށް ވަޑައިގަތުމަށް ދަތިފުޅުވީ ކޮވިޑް 19ގެ ހާލަތު ގައުމުތަކުގައި ގޯސްވުމާ ގުޅިގެންނެވެ.

އީސާލް ރާއްޖެ ވަޑައިގަތުމުން އޭނާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖު އަދި ސާކުގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަލީމް އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ސާކްގެ ސެކްރެޓަރީ ޖެނަރަލް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސާކްގެ ސެކްރެޓަރީ ޖެނަރަލްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

ނަވާރަސަތޭކަ އައްޑިހަ ފަސްވަނަ އަހަރު ސާކް އުފެދިގެން އައި އިރު ރާއްޖޭގެ އޭރުގެ ރައީސް މައުމޫން ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.