ރައްޔިތުންގެ މަޖިލިސް

އިކްރާމް އަނެއްކާވެސް ޝަކުވާކުރައްވައިފި

Oct 10, 2021
8

ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ މެޗުތައް ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށް ވިދާޅުވެ މެންބަރުންނަށް ލިބިދޭ އިމްތިޔާޒުތަކާ ގުޅޭގޮތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އަނެއްކާ ވެސް ޝަކުވާ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައި އިކްރާމް މިއަދު ޝަކުވާ ކުރެެއްވިއިރު މި މަހުގެ ދެވަނަ ދުވަހު ވެސް އޭނާ ވަނީ މަޖިލީހުގެ މެންބަރުންނަށް ހަގީގީ މާނާގައި އިއްޒަތްތެރިކަން ލިބިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ޝަކުވާ ކުރައްވާފަ އެވެ.

އިކްރާމް މިއަދު ޝަކުވާ ކުރެއްވީ މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ މެޗްތައް ބައްލަވައިލެއްވުމުގައި ހުރި ބައެއް ކަހަލަ އުދަނގޫތަކާ ގުޅޭ ގޮތުންނެވެ.

އިކްރާމް ލިޔުއްވި މެސެޖެއްގައި ވިދާޅުވީ މެންބަރުންނަށް ޓިކެޓް ބައްލަވައިގަތުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށެވެ.

މެޗު ބައްލަވާލެއްވުމަށް ވަޑައިގަންނަވާ މެންބަރުންނަށް ދަނޑުގެ ވީއައިޕީ ގޭޓުން ވަދެވަޑައިގެންނެވެންޖެހޭނެ ކަމުގައިވެސް އިކްރާމު ވިދާޅުވި އެވެ. އަދި ގަލޮޅު ދަނޑުގެ ރަނގަޅު ހިސާބަކުން މެންބަރުންނަށް ގޮނޑިތަކެއް ރިޒާވް ކުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

އިކްރާމް ވިދާޅުވީ އެފަދަ ގޮތަކަށް އިންތިޒާމު ހަމަޖެއްސުމުން އެ ހިދުމަތްތައް ބޭނުންވާ މެންބަރުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ބޭނުން ކުރެއްވޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެކަންކަން ހަމަޖައްސައިދިނުމަށް ޔޫތު މިނިސްޓްރީއާއި އެފްއޭއެމުގައި އެދުމުން އެ ކަންކަން ހަމަޖެހޭނެ ކަމަށްވެސް އިކްރާމް ގަބޫލުކުރައްވަ އެވެ.

އިކްރާމް މީގެކުރިން ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި "އިއްޒަތްތެރި" ހިމަނާފައިވީ ނަމަވެސް ހަގީގީ މާނައިގައި އިއްޒަތް ނުހޯދާ އޮތީ ހަމައެކަނި ރާއްޖޭގެ މަޖިލިސް ކަމަށެވެ. އެހެންވެ މަޖިލީހުން ބޭރުގައި އުޅުއްވާއިރު އިއްޒަތްތެރިކަމުގެ އިހުސާސް ކުޑަކޮށްވެސް ނުކުރެއްވޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަގީގީ މާނައިގައި އިއްޒަތްތެރިކަން ހޯދަން އެދޭނަމަ ކޮންމެވެސް ބަދަލުތަކެއް ގާނޫނަށް ނުވަތަ ގަވައިދަށް ގެންނަންޖެހޭ،" އިކްރާމު ލިޔުއްވާފައިވެ އެވެ.