ސިވިލް ކޯޓް

އޮފިސަރުންގެ މައްސަލަ ލައިވްކޮށްދޭން އެދިއްޖެ

Oct 11, 2021

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކޮމިޝަންޑް އޮފިސަރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ލައިވްކޮށްދިނުމަށް އޮފިސަރުން އެދިއްޖެ އެވެ.

އޮފިސަރުންގެ ފަރާތުން މިމައްސަލާގައި ވަކާލާތު ކުރައްވާ ދިވެހި ޗެމްބާސްގެ ގާނޫނީ ވަކީލު މަރިޔަމް ނިހާޔަތު ސޮއި ކުރައްވާ ސިވިލް ކޯޓަށް ފޮނުއްވި ސިޓީގައި ޝަރީއަތް ލައިވްކޮށްދޭން އެދިވަޑައިގެންފައިވަނީ އެއީ އާންމު މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް ދެކޭތީ އެވެ. މީގެއިތުރުން ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރެވޭ ކަން ކަށަވަރު ކުރުމުގެ ގޮތުން ވެސް ޝަރީއަތް ލައިވްކުރަންޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.

އޮފިސަރުން ކޯޓަށް ހުށަހެޅި މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތުން ބޭރުން ހައްލުކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވުމުން އެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ކޯޓުން އިއްޔެ ނިންމާފައިވެ އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވާ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ފަރުހާދާއި ޝުހާދު ބައިވެރިވެފައެއް ނުވެ އެވެ. އަދި ވަކިކުރަން ނޯޓިސް ދިން އޮފިސަރުންގެ ތެރެއިން ޖަމްޝީދާއި އަހްމަދު މުހައްމަދު މިހާރު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ދިވެހި ޗެމްބާސް އިން ކުރިން ބުނެފައި ވަނީ ފުލުހުންގެ އިދާރާގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ އޮފިސަރުންތަކެއް ވަކިކުރަން ނިންމާފައި ވަނީ ބޭއިންސާފުން ކަމަށެވެ. އޮފިސަރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދީ ވަޒީފާ އިން ވަކިކުރާތީ އެ ބޭފުޅުންނަށް ގާނޫނީ ގޮތުން ލިބޭ ހައްގުތަކެއް ގެއްލިފައިވާ ކަމަށްވެސް ވަކީލް ވިދާޅުވި އެވެ.

ފުލުހުންގެ އޮފިސަރުންތަކެއް ވަކިކުރަން ފުލުހުންގެ ބޯޑުން ލަފާ ދީފައިވާ ގާނޫނާ އެއްގޮތަށް ކަން ޔަގީން ކުރުމަށްޓަކައި އެ މައްސަލަ ވަނީ މަޖިލީހުގެ 241 ކޮމިޓީ އަށް ވެސް ހުށަހަޅާފަ އެވެ.