ރައީސް މުހައްމަދު ނަޝީދު

ލަފާކުރި ވަރަށް ވުރެ ލިބޭ އާމްދަނީ އިތުރު: ނަޝީދު

Oct 12, 2021
5

ލަފާކުރި މިންވަރަށްވުރެ ރާއްޖޭގެ އިގްތިސޯދު ރަނގަޅުވެ ލިބޭ އާމްދަނީ އިތުރުވަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފަސް މަހަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތާ ހަވާލުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ހީނަރު ކަމެއް އައި ކަމަށެވެ. މިދިޔަ އަހަރު ބަޖެޓު އަލުން ދިރާސާ ކުރިއިރު އިގްތިސޯދު ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރެވުނު ކަމަށާއި އެކަމަކު މިހާރު އިގްތިސޯދު ފެންނަނީ ލަފާކުރި ވަރަށް ވުރެ ވެސް ރަނގަޅަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ ބާކީ ދުވަސްތަކުގައި ކުރަން އޮތް އެންމެ މުހިއްމު މަސައްކަތަކީ ވެސް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުން ކަމަށެވެ. އިގްތިސާދުގެ ތެރެއިން ހެޔޮ ބަދަލުތަކެއް ފެނުނީ މަޖިލީހާއި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުން ކަމަށާއި ބަޖެޓު ދިރާސާ ކުރަން ފަށާއިރު އެއީ ލިބިވަޑައިގަންނަވާ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ފެށުމަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވި އެއް ސަބަބުގެ ގޮތުގައި ވެސް ފާހަގަ ކުރެއްވި އެވެ. ކޮވިޑްގެ ހުރަސްތަކާ އެކު ވެސް ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަކީ އިގްތިސާދު އަލުން ރަނގަޅުވި ސަބަބެެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ވަރަށް ތަފްސީލްކޮށް ރައީސް ނަޝީދު މިއަދު ވަނީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން މަޖިލީހަށް ހުށަހަޅާފައިވާ 111 ބިލުގެ ތެރެއިން 78 ބިލްގެ މަސައްކަތް ނިންމާލެވުނުއިރު 32 ބިލެއްގެ މަސައްކަތް ނުނިމި އެބައޮތެވެ. އަންނަ މަހުގެ މެދުތެރޭގައި އެ ބިލްތަކުގެ ސުންގަޑި ހަމަވާއިރު ބިލްތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ނަޝީދު އުއްމީދު ކުރައްވަ އެވެ.

މަޖިލީހަށް ހުށަހެޅުނު 36 ގަރާރުގެ ތެރެއިން އަށް ގަރާރެއްގެ މަސައްކަތް ހިނގަމުންދާއިރު 28 ގަރާރެއްގެ މަސައްކަތް ނުނިމެ އެެވެ. ހުށަހެޅުނު 137 މައްސަލައިގެ ތެރެއިން އަށް މައްސަލައެއްގެ މަސައްކަތް ހިނގަމުންދާއިރު މުޅިން ނިންމާލެވިފައިވަނީ 128 މައްސަލަ އެވެ. އާންމުންގެ ތެރެއިން މަޖިލީހަށް ލިބިފައިވާ 1،126 މައްސަލައިގެ ތެރެއިން 1،907 މައްސަލަ ނިންމާފައިވާއިރު 181 މައްސަލަ ނުނިމިވެ އެވެ. އެހެނިހެން މައްސަލައިގެ ގޮތުގައި 701 މައްސަލަ ހުށަހަޅާފައިވާއިރު އޭގެތެރެއިން 137 މައްސަލަ ނުނިމި އޮތް ކަމަށާއި 529 މައްސަލަ ނިމި 137 މައްސަލަ ނިންމާލެވުނު ކަމުގައިވެސް ވިދާޅުވި އެވެ.

"ނުނިމި ހުރި މަސައްކަތްތައް މެމްބަރުން ހާއްސަ އިސްކަމެއް ދެއްވައިގެން ވީހާވެސް އަވަހަށް ނިންމެވުން ވަރަށް މުހިއްމު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ފަސް މަސް ދުވަހަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ޖަލްސާގެ ރިޔާސަތާ މިއަދު ހަވާލުވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގައި ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެފަ އެވެ.