ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ރެޑް ސީ ކުންފުނީގެ ބޯޑަށް ރައީސް ވަހީދު

ސައުދީ އަރަބިޔާގައި ފަތުރުވެރިކަން ފުޅާ ކުރުމަށް އެ ގައުމުގެ ރެޑް ސީ ސަރަހައްދުގައި ޕްރޮޖެކްޓް ހިންގާ ރެޑް ސީ ޑިވޮލޮޕްމެންޓް ކޮމްޕެނީގެ އެޑްވައިޒަރީ ބޯޑަށް ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސައިފި އެވެ.

ރައީސް ވަހީދު ރެޑް ސީ ކުންފުނީގެ އެޑްވައިޒަރީ ބޯޑަށް އައްޔަން ކުރެއްވިކަން އެ ކުންފުނިން މިއަދު ވަނީ އިއުލާން ކޮށްފަ އެެވެ. ރައީސް ވަހީދު އައްޔަން ކުރެއްވި އެޑްވައިޒަރީ ބޯޑުގައި 10 މެމްބަރުން ތިއްވަބާ އިރު އެ ހުރިހާ މެމްބަރުންނަކީ ވެސް ބައިނަލްއަގުވާމީ ގޮތުން ފުންނާބު އުސް ބޭފުޅުން ނެވެ.

ރައީސް ވަހީދާއެކު ދުނިޔޭގެ މަޝްހޫރު ކުންފުނި ރިޓްޒް ކާލްޓަން ހޮޓެލްސްގެ ފައުންޑާ އަދި ކަޕެއްލާ ހޮޓެލްސްގެ ސީއީއޯ ހޯސްޓް ޝުލްޒް ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

ފަތުރުވެރިކަން ފުޅާކުރުމަށް ރެޑްސީ ކުންފުނިން ސައުދީގައި ހިންގާ ޕްރެޖެކްޓްގެ ދަށުން 22 ރަށެއްގައި ލަގްޒަރީ ހޮޓާތަކާއި މެރީނާއާއި އެއާޕޯޓެއް ވެސް އަޅާނެ އެވެ. ސައުދީން އަންދާޒާ ކުރާގޮތުގައި އެ ޕްރޮޖެކްޓް ނިމުމުން 70،000 ވަޒީފާ އުފެދި އުފެއްދުން ތެރިކަން 5.86 ބިލިއަން ޑޮލަރަށް އިތުރު ވާނެ އެވެ.