ކްރިމިނަލް ކޯޓް

ކުޑަކަމުދިޔަ މީހާގެ ބަންދަށް އިތުރު 10 ދުވަސް

Oct 12, 2021

އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔަ މީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.

އެ މައްސަލައިގައި މި މަހުގެ ތިންވަނަ ދުވަހު ހައްޔަރުކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 އެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް މިމަހުގެ ފަސްވަނަ ދުވަހު އެންމެ ފުރަތަމަ ޖެހީ ހަތް ދުވަހެވެ.

ހަސަންގެ ބަންދުގެ މުއްދަތު ހަމަވާތީ އިއްޔެ އޭނާ ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު މަޖިލީހުގައި ފުލުހުން ވަނީ އޭނާ ދޫކޮށްލުމަށް ދެކޮޅު ހަދާފަ އެވެ. ފުލުހުން ބުނީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮވެދާނެތީއާއި މުޖުތަމައުގެ ތެރެއިން އޭނާއަށް ވެސް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށެވެ.

ކޯޓުގައި ފުލުހުން ދެއްކި ވާހަކަތަކަށް ބަލައި ގާޒީ ހަސަން ސައީދު ނިންމެވީ ހަސަން ޒިޔާދު އިތުރު 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.

ފުލުހުން މީގެކުރިން ބުނީ ހަސަން އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އިއްޔެގެ ބަންދުގެ މަޖިލީހުގައި ފުލުހުން ބުނީ އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބަލަމުންދާ ކަމަށާއި ހަސަންގެ އާއިލާ އިން އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ކުރިން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ތެރެއަށް ވަދެ އިމާމާ ކުރިމައްޗަށްވާ ހެން ކުޑަކަމު ގޮސްފައިވަނީ މަޣުރިބު ނަމާދަށް ތިއްބާ ކަމަށެވެ.