މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ވާނުވާގައި ތިބީ 368 މީހުން

ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރު ކޮށްފައިވާ 368 މީހުން ބަންދުގައި އެބަތިބި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަންސް މިހެން ބުނެފައި މިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި -- ވާނުވާގައި-- ބައިތިއްބާ މީހުންގެ އަދަދުތައް އިތުރުވެ އެފަދަ މީހުންގެ ހައްގުތަކަށް އިހްމާލުވެވޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

ވާނުވާގައި 368 މީހުން ތިބި ނަމަވެސް ކަރެކްޝަންސްގެ ސީދާ ބެލުމުގެ ދަށުގައި މިވަގުތު ތިބީ 307 މީހުންނެވެ. ތަފާތުސަބަބުތަކާއި ގުޅިގެން 61 މީހަކު އަދި ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ވާނުގައި ތިބޭ މީހުންނަކީ ކޯޓުން އެ މީހުންގެ މައްޗަށް ހުކުމެއް އަންނަންދެން ރިމާންޑް ޖަލެއްގައި ބޭތިއްބުމަށް ފަނޑިޔާރަކު އަމުރުކުރުމުން ބަންދުގައި ބައިތިއްބާ މީހުންނެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ވާނުވާ ޖަހާފައި ތިބި މީހުންގެ މައްސަލައަކީ އެ އިދާރާ އިން ވެސް ކަންބޮޑުވާ އަދި ހައްލުތަކެއް ހޯދަންޖެހޭ މައްސަލައެއް ކަމަށެވެ. މިކަމުގައި ކަރެކްޝަންސްގެ އިތުރުން ފުލުހުންނާއި ޕީޖީ އާއި ކޯޓު ތަކުން ވެސް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެއް ހުންނަ ކަމަށެވެ.

"ހަގީގަތުގައި އިދާރާތަކުން މަސައްކަތް ކުރި ނަމަވެސް ވާނުވާގައި މިތިބި މީހުންގެ އަދަދު ދަށްކުރުމަކީ އެހާ ފަސޭހަ ކަމަަކަށް ވާނެހެނެއް ހިއެއް ނުވޭ. ރާއްޖޭގައި ކުށްކުރާ މީހުން ވަކިން ހާއްސަކޮށް ބޮޑެތި ކުށްކުރާ މީހުންނާއި އެމީހުންގެ ނުރައްކާ ބޮޑު. އެހެންވެ އެފަދަ މީހުން މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ނޯވެ ދޫކޮށްލެވޭ ކަށްވެސް،" އަހްމަދު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ވާނުވާގައި ތިބި މީހުންގެ މައްސަލަ ހައްލުކުރުމަށް ޕީޖީއާއި އެކު ވަރަށް ގާތުން މިހާރު މަސައްކަތް ކުރެވޭ ކަމަށެވެ. އެގޮތުން ވާނުވާގައި ތިބޭ މީހުންނާ ގުޅޭ ހުރިހާ މައުލޫމާތެއް ޕީޖީއާ ވަކި މުއްދަތަކުން ގަވައިދުން ހިއްސާކުރެވެމުންދާ ކަމަށެވެ. ވާނުވާގައި ގިނަ ބަޔަކު ތިބި ނަމަވެސް އެކަށީގެންވާ ސަބަބެއް ނެތި ބަންދުގައި ހުރި އެއްވެސް މީހަކު ނުހުންނާނެ ކަމުގެ ޔަގީންކަން ވެސް ސީޕީ ދެއްވަ އެވެ. އަދި ކޮންމެ މީހަކު ވެސް ބަންދުގައި ހުންނާނީ ފަނޑިޔާރެއްގެ ނިންމުމަކާ އެކު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަވާލުވިއިރު ޖަލުތަކުގައި ތިބި ވާނުވާ ޖަހާފައި އަށް އަހަރުވެފައި ތިބި މީހުންވެސް. އެމީހުންގެ މައްސަލަ ކޯޓުގައި އޮތް މަރުހަލާ ސާފު ނުވާ މީހުން ވެސް އޭރު ތިބި. އެކަމަކު އަޅުގަނޑަށް މިހާރު ދެންނެވިދާނެ އެ މީހަކަށް ހުކުމް ކުރުމުން ލިބޭ އަދަބަށް ވުރެ ގިނަ ދުވަސްވީ މީހަކު މިހާރު ވާނުވާގައި ނުހުންނާނެކަން. އަދި އެމީހެއްގެ ޝަރުއީ މަރުހަލާތައް ނޭނގޭ މީހަކު ވެސް މިހާރު ނުހުންނާނެ،" ސީޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ހައްގުތަކާ މެދު އެ އިދާރާ އިން ގަސްދުގައި އިހްމާލު ނުވާނެ ކަމަށެވެ. ގައިދީންގެ ޝަކުވާތަކަށް މަދުވެގެން ހަފްތާ އަކު އެއް ފަހަރު ކަރެކްޝަންސްގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް ބަލައި ހައްލު ހޯދަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ޖަލުތަކާ ހަވާލުވެ ތިއްބަވާ އިސް އޮފިސަރުން އެއަށްވުރެ އަވަހަށް ވެސް ޝަކުވާތައް ބަލައި ހައްލު ހޯދަންޖެހޭ ކަންކަމުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތްތައް މަދުވުން. ގައިދީންގެ އަދަދުތަކަށް ވުރެ އަޅުގަނޑުމެންގެ މުވައްޒަފުންގެ އަދަދު މާބޮޑަށް ވެސް މަދުކޮށް މިއުޅެނީ. މައްސަލަ ހައްލުކުރުމަށްޓަކައި ޝަރީއަތްތައް އަވަސް ކުރެވޭނެ ގޮތްތަކެއް ވެސް ވަރަށް މުހިއްމު،" އަހްމަދު ވިދާޅުވި އެވެ.