ރައީސް މުހައްމަދު ނަޝީދު

އާޓިފިޝަލް ދަނޑު ހަދާތީ ރައީސް ނަޝީދުގެ ނުރުހުން މަހުލޫފަށް

ވިނަ ދަނޑުތަކުގެ ބަދަލުގައި އާޓިފިޝަލް ދަނޑުތައް ހަދާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިއަދު7 ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ފުރަތަމަ ދަންފަޅީގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގައި މުޅިންހެން ފެންނަނީ އާޓިފިޝަލް ދަނޑުތައް އަޅަމުންދާ މަންޒަރު ކަަމަށެވެ.

އެފަދަ އާޓިފިޝަލް ދަނޑުތައް ހަދަމުންދަނީ ގިނަ ފަހަރު ގޮނޑޮދުށާ ކައިރީގައި ކަމަށް ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު މިތަނުގައި އިންނައިރުގައި އަޑުއިވޭ ސްޕޯޓްސް މިނިސްޓަރު ސަބްބޭސް އަޅުއްވައިފައި އާޓިފިޝަލް ދަނޑުތައް މުޅި ރާއްޖޭގެ އެތަން މިތަނުގައި ހައްދަވަމުން ގެންދަވާ ވާހަކަ. ގިނަ ފަހަރަށް އުދައަރައި ދިޔައިމަ އެ ދަނޑު ހަލާކު ވެދާނެ. އަދި އެހެން ނޫނަސް ވެސް އެބަ ފެނޭ މިއިން ދަނޑެއް ތިން އަހަރަށްވުރެ ގިނަ ދުވަހު ނޯންނަކަން. ދެން ތަކުރާރުކޮށް ހިތަށް ވަދޭ ކީއްވެބާއޭ ވިނަކޮޅެއް ނީންދާން ވެގެން އެހާ ބޮޑަށް އެ މަސައްކަތް ކުރަނީ" ރައިސް ނަޝީދު ވިދާޅުވި އެވެ.