ކްރިމިނަލް ކޯޓް

ބަރަހަނާ ފޮޓޯ ލީކުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު

Oct 13, 2021
1

އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކުރުމަށް ފަހު ޓެލެގްރާމްގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ ލީކު ކުރި މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސަމީއު ޝަރީއަތް ނިމެންދެން ބަންދު ކުރަން މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ އޭނާގެ ބަންދު މުރާޖާ ކުރުމަށް ބޭއްވި އަޑުއެހުމުގަ އެވެ.

ދައުލަތުގެ ފަރާތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ 11 ދައުވާއެއް އުފުލާފަ އެވެ. އެއީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ، އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ، އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ، އެނގިހުރެ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ، ޢަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ މަސާއިދަކީ އަކީ އެކި ދުވަސް މަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި، ޒާތީ މުއާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށްފަހު އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ލީކުކުރަމުން އައި މީހެއް ކަމަށެވެ.

މީނާ އަކީ ކުރިން ވެސް މިފަދަ މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.